ރައްޔިތުން އަނދިރިކަމެއްގައި ބޭތިއްބުމަށްފަހު ސަރުކާރުން ކުރަނީ ވައްކަން – އާދަމް ޝަރީފް

ރައްޔިތުން އަނދިރިކަމެއްގައި ބޭތިއްބުމަށްފަހު ސަރުކާރުން ކުރަނީ ވައްކަން – އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 07:19
0

ރައްޔިތުން އަނދިރީގައި ބޭތިއްބުމަށްފަހު ސަރުކާރުން ކުރަމުންދަނީ ބޮޑެތި ވައްކަން ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިންތިހާޔަށް ދަށްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެ ދުރުވިސްނޭ ޤާބިލް ސަރުކާރެއް މިއަދު ނެތްކަން ދައުލަތުގެ އިދާރަތަކުން ހާމަކުރަމުންދާ އިޤްތިޞާދީ ތަފާސް ހިސާބުތަކަށް އެކަނި ބަލައިލުމުންވެސް ހާމަވާކަމަށެވެ.

ރާއްޖޭގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަން މިއަހަރުގެ މިހާތަނަށް %8.1 އަށް ދަށްވެފައިވާކަމީ ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް ވަޒަން ކޮށްލެވޭ ކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިއަދު މިކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި ސަރުކާރަށް އެއްވެސް ކަމެއް ނުކޮށްދެވޭއިރު، ރައްޔިތުން ކަނނުއަނދިރީގައި ބައިތިއްބައިގެން ކުރަމުންދަނީ ބޮޑެތި ވައްކަންތައް ކަމުގައި އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މިއަހަރު ރާއްޖޭގެ ޖީޑީޕީ 19.5 އިންސައްތަ ދައްވާނެ ކަމަށް ވޯލްޑް ބެންކުން ލަފާކޮށްފައި ވާއިރު، ރާއްޖޭގެ އިޤްތިސާދު ހަމައަކަށް އެޅި ކުރީގެ ހާލަތަށް ރުޖޫޢަ ވާނެކަމަށް ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރާއިއެކު ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު އަސަރެކުރި އެއް ޤައުމަކީ ރާއްޖެ ކަމަށާއި މިވަގުތަށް ކޮންމެހެން ހިންގުން މަޖުބޫރު ނޫން ބޮޑެތި މަޝްރޫޢުތަށް ފަސްކޮށްލުން މުހިންމުކަމަށް ވެސް ވޯލްޑް ބެންކުން ވަނީ ލަފާދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.