ޓިޝޫކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު 3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ދިވެހި ކަސްޓަމުން އަތުލައިގެންފިއެވެ.
މިކަމާގުޅިގެން ކަސްޓަމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުމުލަ 200 މާސްޓާ ކާޓަން ނުވަތަ 3،199،200 ސިނގިރޭޓު އަތުލައިގެންފައިވަނީ ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ރާއްޖެ އެތެރެކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި ބަލައި ފާސްކުރުމުގެ ކަންކަން ކަސްޓަމަސްއިން ކުރަނީ ރިސްކް މެނޭޖްމަންޓް ނިޒާމުގެ ތެރެއިންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަށް ރިއާޔަތްކޮށް ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށްގެންދާއިރު މި މަހުގެ 13ވަނަ ދުވަހު ޝިޕްމަންޓް ބަލައި ފާސްކޮށްފައިވަނީ ޝައްކު އުފެދޭ ކަންކަން ހުރިކަމަށް ދުރާލައި ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކާ ގުޅިގެން ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
ކަސްޓަމުން ބުނިގޮތުގައި އެ ޝިޕްމަންޓު ބަލައި ފާސްކުރިއިރު 143 ކާޓަންގެ ޕޭޕާ ޓިޝޫއާއި 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށެވެ.
ކަސްޓަމުން ބުނީ، މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ މައްސަލައަކަށްވާތީ މި މައްސަލަ މިހާރު ކަސްޓަމުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ