ދެކުނު އެފްރިކާގެ ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އާއި އިދިކޮޅު ޕާޓީތަކާ ދެމެދު ހަދާފައިވާ ތާރީހީ ކޯލިޝަން އެއްބަސްވުމާ ގުޅިގެން އެ ގައުމުގެ ރައީސް ކަމަށް ސިރިލް ރަމަފޯސާ އަލުން އިންތިހާބުކޮށްފި އެވެ.
ގައުމީ އެއްބައިވަންތަކަމުގެ އާ ސަރުކާރަކީ ރަމަފޯސާގެ އޭއެންސީ އާއި ސެންޓަ ރައިޓް ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އާއި ކުދި ޕާޓީތައް އެކުލެވިގެންވާ ސަރުކާރެކެވެ. ކާމިޔާބީގެ ތަގުރީރުގައި ރަމަފޯސާ ވަނީ އާ ކޯލިޝަނަށް ތައުރީފު ކުރައްވައި، ރައްޔިތުން އިން އުންމީދު ކުރަނީ ލީޑަރުން "އަޅުގަނޑުމެންގެ ގައުމުގެ އެންމެންގެ ހައްގުގައި މަސައްކަތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް" ކަމަށް ވިދާޅުވެފަ އެވެ.
ވެރިކަންކުރާ ކޯލިޝަނަށް އެއްބަސްވުމަކަށް އާދެވިފައިވަނީ، އާ ސަރުކާރުގެ ވެރިކަމުގައި ހުންނާނީ ކޮން ބޭފުޅެއްކަން ކަށަވަރު ކުރުމަށް ގާނޫނުހަދާ މަޖިލީހުން ވޯޓަށް އެހުމަށް ރޭ ދަންވަރު ބޭއްވި ޖަލްސާގަ އެވެ.
މީގެ ކުރިން އެއްބަސްވުމަކަށް އައީ، މިދިޔަ މަހު ބޭއްވި އިންތިހާބުގައި 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން އޭއެންސީން ބައިވެރިވާނީ ކޮން ބަޔަކާކަމާ މެދު ހަފުތާތަކެއް ވަންދެން ދެކެވުނު ވާހަކަތަކަށްފަހުއެވެ. އެ ޕާޓީއަށް 40 ޕަސެންޓް ވޯޓު ލިބުނުއިރު ދެ ވަނައިގައި އޮތީ 22 ޕަސެންޓާ އެކު ޑީއޭ އެވެ.
އޭއެންސީގެ ސެކްރެޓަރީ ޖެނެރަލް ފިކިލޭ އެމްބަލޫލާ ވަނީ ކޯލިޝަން އެއްބަސްވުމަކީ ފާހަގަކޮށްލެވޭ ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ. އޭގެ މާނައަކީ 2018 ވަނަ އަހަރު ވެރިކަމުގެ ތަޅާފޮޅުމަށްފަހު ޖޭކޮބް ޒޫމާގެ ބަދަލުގައި ގައުމުގެ ރައީސް ކަމާއި އޭއެންސީގެ ލީޑަރަކަށް ވަޑައިގެންނެވި ރަމަފޯސާއަށް ވެރިކަން ދެމެހެއްޓުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، ދެން އޮތް ފިޔަވަޅަކީ ރާމާފޯސާ ކެބިނެޓްގެ މަގާމުތައް ކަނޑައެޅުން ކަމަށާއި އޭގެ ތެރޭގައި ޑީއޭގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.
ކޯލިޝަން ޕާޓީތަކުގެ މެދުގައި އެކުލެވުނު މި އެއްބަސްވުމުގައި، ވެރިކަންކުރާ އޭއެންސީން ވަކިވި ދެ ޕާޓީއެއް ނުހިމެނޭ އިރު، ވޯޓުލީ ފަރާތްތަކުން ޑިމާންޑްކުރި އިގްތިސާދީ ކުރިއެރުން އެގައުމަށް ނުގެނެވިއްޖެނަމަ، ޕީއެންސީން ވަކިވި ފަރާތްތަކުން އުފެއްދި ޕާޓީތަކަށް ފައިދާ ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ޚިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ދެކުނު އެފްރިކާގެ ގިނަ ރައްޔިތުން ބޭނުންވަނީ ބޮޑު އިއްތިހާދެއް ގައުމުގައި ވެރިކަން ކުރުމަށެވެ.