ރައްޔިތުންގެ މަޖިލިސްގޭ ކުރިމަތީގައި މެދުޒިޔާރަތް މަގަށް ވާގޮތަށް އޮންނަ ޕާކިންގ ޒޯނުގައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެއް ކަމުގައެވެ.
ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހައިފަ އެވެ.
މި ހާދިސާގެ ރިޕޯޓް ހޯމަދުވަހުގެ ރޭ ދަންވަރު 03:03 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ އެރޭ 03:15 ހާއިރުއެވެ.
މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ފަސް ސައިކަލާއި ދެ ވޭނަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ