އެޗްޕީއޭގެ އުސޫލުތައް ސިޔާސީވެ، އަދަބުދޭ ތަނަކަށްވަނީބާ؟

އެޗްޕީއޭގެ އުސޫލުތައް ސިޔާސީވެ، އަދަބުދޭ ތަނަކަށްވަނީބާ؟

ގުޅުންހުރި

ރާއްޖޭގައި މިއަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާންކޮށްފައިވާ އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިހާތަނަށްވެސް އުވާނުލައި، ދަމަހައްޓާފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ފަސޭހައިން ގައިން ގަޔަށް އަރާ، ފަރުވާއެއްނެތް ބައްޔަކުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަމަލުކޮށްފައިވާ އުސޫލުތަކަށް ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔައެވެ.

ހަމަމިއާއިއެކު، އާންމު ރައްޔިތުން ދިޔައީ ނެރުނު ކޮންމެ ގައިޑްލައިނަކަށް ފުރިހަމައަށް އިޚްތިރާމުކޮށް، ނަތީޖާ ދައްކަމުންނެވެ. ކޯވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ހޯދި ކާމިޔާބީގެ އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ދިވެހި ރައްޔިތުންނެވެ. ރައްޔިތުންގެ އާމްދަނީ ހުއްޓި، ލާރި ލިބޭނެ ހުރިހާ ކޮޅެއް ބަންދުވެގެން ދިޔަ ހާލަތުގައިވެސް ރައްޔިތުން ވަނީ ސަރުކާރާއި، އެޗްޕީއޭއިން ނެރުނު ކޮންމެ އަމުރެއް ނިކަން ރަނގަޅަށް ތަންފީޒު ކޮށްދެއްވާފައެވެ. މިއަދު ކޯވިޑްގެ ނުރައްކާ ރާއްޖޭގައި ކުޑަވެ، ރައްކާތެރިކަމާއިއެކު އާންމު ހާލަތަަށް ދިއުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި އެޗްޕީއޭގެ ފަރާތުން ފެންނަމުންދަނީ ރައްޔިތުން ދެކެން އެންމެ ބޭނުންވާ މަަންޒަރުތަކެއް ނޫންކަމަށް ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ރައްޔިތުން މިއޮތްހާ ދުވަހު ކެތްތެރިކަމާއިއެކު ގޭބަންދުގައާއި، ރަށު ބަންދުގައި ތިބުމަށްފަހު ލިބުނު ކުޑަފުރުސަތުގައިވެސް އެކުލަވާލާފައިވާ އުސޫލުން ނިކަމެތި ރައްޔިތުން އަތުން ދައުލަތަށް އާމްދަނީ ނެގުމާއި ދިމާލަށް މިސްރާބު ހުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތްކަމެކެވެ. ސިޔާސީ ގޮތުން ކައުންސިލް އިންތިޚާބު ބޯމަތިވެ، އިންތިޚާބުގެ ކަންކަން ކުރުމަށް އޮތް ހުރަހަކީވެސް މިއަދު އެޗްޕީއޭކަމަށް ސިޔާސީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބު ބޭއްވުމާއި ނުބޭއްވުމުގެ ބާރުވެސް މިއަދު އޮތީ އެޗްޕީއޭގެ އަތްމަތީގައެވެ. އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓިހާ ދުވަހަކު އިންތިޚާބު ބޭއްވުމުގެ ފުރުސަތެއް ލިބިގެން ނުދެއެވެ. އިންތިޚާބަށް ސަރުކާރުން ބޮޑެތި ވަފުދު ހަދައިގެން ރަށްރަށް ގޮސް ކެންޕެއިން ކުރާއިރު، އިދިކޮޅު ފަރާތްތަކަށް އެގޮތަށް ދަތުރުކޮށް ކެންޕެއިން ނުކުރެވޭކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ރައީސް އޮފީސް

އެޗްޕީއޭގެ އަތްމަތީގައި މިއަދު މުހިންމު ބާރުތަކެއް އޮތްއިރު، ރައްޔިތުންނަށް ދެމުންދާ ލުއިތަކާއިއެކު އާންމުކުރަމުންދާ އުސޫލުތަކުން ބޮޑެތި އަދަބުތަކެއްވެސް ވަނީ ކަނޑައަޅަމުންނެވެ. މިގޮތުން ރޭ އާންމުކޮށްފައިވާ އުސޫލުގައި ބުނާގޮތުން އެންގުންތަކަށް ތަބާނުވާނަމަ ބޮޑު ޖޫރިމަނާއެއް އަންނާނެއެވެ. އުސޫލަށް އަމަލު ކުރާނީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް ކަމަށެވެ.

އައު އުސޫލު ބުނާ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ދެވަނަ ފަހަރު 3،500 ފަހަރު އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް ގާނޫނީ ޝަހުސަކުން އަމަލުނުކޮށްފިނަމަ އެންގުމާއި ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރު 25،000 ފަހަރު އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާއި ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

އެޗްޕީއޭގެ މި ނިންމުންތަކާއިއެކު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ސިޔާސީ ގޮތުން ނިންމަމުންދާ ސިޔާސީ ނިންމުންތަކެއްކަމަށެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވައި، ޤާނޫނު އަސަސީން ލިބިދޭ ހަމަހަމަ ފުރުސަތަށް އަރައިގަނެވޭ ގޮތަކަށް އެކުލަވާލާފައިވާ އުސޫލެއްކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!
ފަހުގެ