ރާނީގެ ޝަރަފުގައި ކުޅުނު ދިވެހި ޓީމްގެ ކެޕްޓަން ނިޔާވެއްޖެ

ރާނީގެ ޝަރަފުގައި ކުޅުނު ދިވެހި ޓީމްގެ ކެޕްޓަން ނިޔާވެއްޖެ

Author
ޢަލީ އާދަމް
22 ޑިސެމްބަރ 2020 10:07
0

އިނގިރޭސި ރާނީ ކްއީން އެލިޒަބަތު ރާއްޖެ ވަޑައިގަތުމުން މާލޭގައި ބޭއްވި ހާއްސަ ފުޓުބޯޅަ މެޗްގައި ދިވެހި ޓީމުގެ ކެޕްޓަންކަން ކުރެއްވި އާދަމް އިސްމާޢީލް ނިޔާވެއްޖެއެވެ.

ހދ.ކުޅުދުއްފުށީ ދެބުދާރުގޭ، އާދަމް އިސްމާޢީލް ރޭ ފަތިހު ނިޔާވީ އުމުރުން 88 އަހަރުގައެވެ. އާދަމް އިސްމާޢީލަކީ ކުޅުދުއްފުށީގެ އިތުރުން މުޅި ރާއްޖޭގައި ވެސް މަޝްހޫރު ކުޅިވަރު ޝަހްސިއްޔަތެކެވެ. އޭނާ ފާހަގަ ވެގެން ދިޔައީ ހަމައެކަނި ފުޅުބޯޅަ އަކުން ނޫނެވެ. ފުޓްބޯޅައިގެ އިތުރުން ކްރިކެޓާއި، ވޮލީއާއި، ކެޑޭޓް ހަރަކާތާއި، ޖިމްނާސްޓިކާއި، ހޮކީ އަދި ބޮކްސިންވެސް ރަނގަޅު ފެންވަރަކަށް ކުޅުއްވިއެވެ. އަދި ރާއްޖޭއަށް ބާސްކެޓް ބޯޅަ ތަޢާރަފްވެގެން އައިދުވަސްވަރު އެކުޅިވަރުގައި ވެސް ހަރަކާތްތެރި ވި ޝަހްސިއްޔަތެކެވެ.

26 ފަހަރު ގައުމީ މުބާރާތުގައި ކުޅުއްވާފައިވާ އާދަމް އިސްމާޢީލަކީ އޭރުގެ ހުރިހާ ކުޅުންތެރިންނާއި، ކޯޗުންވެސް އެންމެ ޖެހިލުންވި ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު 4 އަހަރު ހޯއްދަވާފައެވެ. އެގޮތުން 1971 ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ 21ވަނަ ފުޓްބޯޅަ މުބާރާތުގެ އެއްވަނަ ފުލްބެކް ޑިފެންޑަރަކީވެސް އާދަމް އިސްމާޢީލެވެ. އޭނާ ފުޓްބޯޅަ ކުޅުއްވި މާލޭގެ ކްލަބްތަކުގެ ތެރޭގައި މައްޗަންގޮޅީ ކްލަބް، ރާނީކްލަބް އަދި ސަންލައިޓް ކްލަބް ހިމެނެއެވެ.

އާދަމް އިސްމާޢީލް ދުނިޔޭގައި ހުންނެވިއިރު ކިޔައިދެއްވާ ގޮތުގައި އޭނަގެ ހަޔާތުގައި ހިތުން ފިލުވާލަން އެންމެ ދަތި ދުވަހަކީ ވެސް އިނގިރޭސި ރާނީ މާލެ ވަޑައިގަތް ދުވަހެވެ. އަދި ރާނީ މާލެ ވަޑައިގެންނެވި އިރު އަރިހުގައި ގެންނެވި އިގިރޭސި ފުޓުބޯޅަ ޓީމާއެކު އާދަމް އިސްމާޢީލްގެ ކެޕްޓަންކަމުގައި ކުޅުނު ތާރީހީ ފުޓްބޯޅަ މެޗުން 2-0 އިން ދިވެހި ޓީމު ވަނީ މޮޅުވެފައެވެ. މި މެޗްގެ 2 ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޑޮނީގޯލްޑް، އައްބާސް ޖެހީ އިނގިރޭސި ޓީމްގެ ގޯލް ކުރިމަށްޗަށް އާދަމް އިސްމާޢީލް ފޮނުއްވާލި ބޯޅައަކުންނެވެ.

މީގެ އަހަރުތަކެއް ކުރިން ބައްދަލުވެ ރާނީ މެޗާ ބެހޭގޮތުން ސުވާލުކޮށްލުމުން އާދަމް އިސްމާޢީލް އޭރު ވިދާޅުވިދާޅުވީ އެ މެޗް ފެށުމުގެކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ނާސިރުގެ ނޯޓެއް ދިވެހިޓީމްގެ ކެޕްޓަން އެޑްރެސްކޮށް ފޮނުއްވިއެވެ. އެ ނޯޓްގައި ރައީސް ލިއުއްވާފައި ވަނީ "ދިވެހިޓީމްގެ ކެޕްޓަނަށް، މެޗް ނިންމާލާފަ ދަނޑުން ފައިބަންވާނީ މޮޅުވެގެން، ކުޅޭނެގޮތެއް އެނގޭނީ ކަލޭމެން ކުދިންނަށް" މިހެން ކަމަށް އާދަމް އިސްމާޢީލް ވިދާޅުވިއެވެ. އެހެން ކަމުން މެޗަށް ނުކުއިތް އިރުވެސް މުޅި ޓީމް އޮތީ މޮޅުވުމުގެ އަޒުމުގައި ކަމަށް އާދަމް އިސްމާޢީލް އޭރު ވިދާޅުވިއެވެ.

އާދަމް އިސްމާޢީލް 3 ކައިވެންޏެއް ބައްލަވައިގެންފައި ވާއިރު، ޖުމްލަ 8 ދަރިން ތިއްބަވައެވެ. ކުޅުދުއްފުށީ މަގްލަސް ކްލަބް މުޅި ރާއްޖެއަށް މަޝްހޫރުވީއިރު އެ ކްލަބްގެ ކެޕްޓަނަކީވެސް އާދަމް އިސްމާޢީލްގެ ބޭފުޅެކެވެ.

ކުޅިވަރުގެ އިތުރުން ތަޢުލީމީ ދާއިރާގައިވެސް އާދަމް އިސްމާޢީލަކީ ކުޅުދުއްފުށީގައި ފާހަގަކޮށްލެވުނު ޚިދުމަތްތެރިއެކެވެ.

އާދަމް އިސްމާޢީލްގެ ކަށުނަމާދު އޮންނާނީ މެންދުރު ނަމާދަށްފަހު ކުޅުދުއްފުށީ ހުކުރު މިސްކިތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.