ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ތިމާވެށީގެ ބޮޑު ހަރަކާތެއްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަދުވެގެން ފަސް ލައްކަ ގަސް އިންދުމަށް ނިންމައިފި އެވެ.
ކ.ތުލުސްދޫގައި މި ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއެވެ.
ރައީސް މުހައްމަދު މުއިއްޒު މިއަދު ހެނދުނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވައިފަ އެވެ. ލޮނުޒިޔާރަތްޕާކުގައި ބޭއްވި މި އިވެންޓުގައި ރާއްޖެއަށް ނިސްބަތްވާ ނަމަވެސް މިހާރު ނެތިދިއުމުގެ ނުރައްކާ އޮތް 22 ބާވަތެއްގެ ގަސް އިންދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭގެ ތެރޭގައި މޭވާ ގަހާއި ހިޔަނި ގަހާއި ފުޅަނދުގަހާއި އާދަޔާ ހިލާފު ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ބާވަތްތައް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި، މާލޭގެ މޭޔަރ އާދަމް އާޒިމާއި، ކެބިނެޓްގެ ވަޒީރުންނާއި، ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓްތަކަށް ވެސް މި ގަސްއިންދުމުގެ މަސައްކަތް ފުޅާކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު 90 އަށް ވުރެ ގިނަ ގަސް އިންދާނެ ކަމަށެވެ. މި ގަސްތަކުގެ ސިއްހަތާއި ކާބަން ސިކުއެސްޓްރޭޝަން ގާބިލްކަން ވަރަށް ގާތުން ބަލާނެ އެވެ. ގަސް އިންދުމުގެ މަސައްކަތަކީ ފެހި ރާއްޖެއެއް ބިނާކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.