އިނގިރޭސި ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓްހޭމް ބަލިކޮށް ޗެލްސީން ލީގުގެ ފަސްވަނައަށް ޖެހިލައިފި އެވެ.
ރޭ ޗެލްސީ މޮޅުވީ 3-0 ލަނޑުންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ތިއާގޯ ސިލްވާ ކާމިޔާބު ކުރިއިރު އަނެއް ދެ ލަނޑު ޗެލްސީއަށް ޖަހައިދިނީ ޓަމީ އަބްރަހަމްއެވެ. މެޗުގެ ފުރަތަމަ ލަނޑުޖެހި ތިއާގޯ ސިލްވާ ވަނީ އިނގިރޭސި ލީގުގައި ކުޅުނު 10 މެޗުގައި 2 ލަނޑުޖަހާފައެވެ. މިއީ ވޭތުވެދި ތިން ސީޒަނުގައި އޭނާ ކުޅުނު ޕީއެސްޖީއަށް ލަނޑުޖެހި ވަރަށްވުރެ އިތުރު އަދަދެކެވެ.
ރޭގެ މެޗުގައި ފަހު ދެލަނޑުޖެހި ޓަމީ އަބްރަހަމް ވަނީ އެންމެފަހުން އޭނާ ޗެލްސީ އަށް ކުޅުނު 7 މެޗުގައި 6 ލަނޑުޖަހާފައެވެ. އެންމެފަހުން ޗެލްސީގެ ސްޓެންފޯޑް ބްރިޖްގައި ކުޅުނު 31 މެޗުން ލީގުގައި އެޓީމު ބަލިވެފައި ނުވެއެވެ.
އެންމެ ފަހުން ޑޭވިޑް މޯޔޭސް ކޯޗެއްގެ ގޮތުގައި ޗެލްސީއާ ދެކޮޅަށް ޗެލްސީދަނޑުގައި ކުޅުނު 16 މެޗުން އޭނާއަށް ވަނީ މޮޅެއް ނުހޯދިފައެވެ.
ލީގުގައި އެންމެފަހު 13 މެޗުގެ ތެރެއިން ޗެލްސީ ބަލިވެފަ ވަނީ އެންމެ މެޗަކުންނެވެ. ޗެލްސީވަނީ އެހެން ޓީމުތަކަށް ވުރެ ގިނައިން ކޯނަރުތަކުން މިސީޒަންގައި ލަނޑުޖަހާފައެވެ. އެޓީމުން ވަނީ 8 ލަނޑު ކޯނަރަތަކުން ކާމިޔާބުކޮށްފަ އެވެ.
މި މޮޅާއެކު ޗެލްސީ އޮތީ ހަތަރުވަނާގައިވާ އެވަޓަންވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން 25 ޕޮއިންޓާއެކު ތާވަލްގެ 5 ވަނާގައެވެ. ރޭ ލީގުގައި ބާންލީ ވަނީ ވުލްވޮސް އަތުން 2-1 ލަނޑުން މޮޅުވެ ރެލިގޭޝަން ޒޯނާ ތިން ޕޮއިންޓް ފެއަޔަށް ޖެހިފައެވެ.