ކަންގަނާ އަށް ގޮނޑި ކާމިޔާބުވެއްޖެ

ކަންގަނާ އަށް ގޮނޑި ކާމިޔާބުވެއްޖެ

Author
ފާތިމަތު ނާވީ
05 ޖޫން 2024 09:08
0

އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޮކް ސަބާއަށް ވާދަކުރާ ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކަންގަނާ ރަނާވަތު އިންތިހާބުވެއްޖެ އެވެ.

ބީޖޭޕީގެ ޓިކެޓްގައި އޭނަ ވާދަކުރީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީއަށެވެ. އެއީ އޭނާގެ އުފަން އަވަށް ވެސް މެއެވެ. އެހެން ކަމުން އިންތިހާބު ކާމިޔާބު ވާނެ ކަމާއި މެދުގައި ޝައްކު ނުކުރާ ކަމަށް އޭނާ ކުރިންވަނީ ބުނެފައި ވެއެވެ.

ކަންގަނާ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު ކޮންގްރެސްގެ ކެންޑިޑޭޓް ވިކްރަމަތަދިޔަ ސިންގްއާ ވާދަކޮށް 72،088 ވޯޓުންނެވެ. ލޯކް ސަބާ އިންތިހާބަހަށް ކަންގަނާ ވަނީ ވަރަށް ބުރަކޮށް ކެމްޕޭންކޮށްފަ އެވެ. އަދި އޭނަގެ ކެމްޕޭން އިވެންޓެއްގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް މިދިޔަ ހަފުތާގެ ތެރޭގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އިންތިހާބުގެ ވޯޓްލުން ޖޫން 1 އާ ހަމައަށް ކުރިއަށް ދިޔައެވެ. އިންތިހާބުގައި ލޯކް ސަބާގެ 543 ގޮނޑި އަށް މެންބަރުން ހޮވުމުގެ ވޯޓްލުމުގެ ހައްގު 968 މިލިއަން މީހުންނަށް ލިބިގެންވެ އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ކެމްޕޭން ތެރޭގައި ބުނެފައި ވަނީ ލޯކް ސަބާ އަށް ހޮވިއްޖެ ނަމަ ފިލްމީ މަސައްކަތްތައް ދޫކޮށްލައި، ސިޔާސީ މަސައްކަތްތަކަށް ހުސްވާނެ ކަމަށެވެ. ކަންގަނާ އަކީ ބީޖޭޕީ އާއި މޯދީގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.