އިސްރާއީލުގެ ޕާސްޕޯޓު ރާއްޖެއަށް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް މައުމޫނުގެ ތައުރީފުކުރައްވައިފިއެވެ.
އިސްރާއީލުގެ ޕާސްޕޯޓު އޮތް ފަރާތްތަކަށް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވަނިކޮށް، ރައީސް މައުމޫން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވާ ކަމަށާއި، އިސްރާއީލުގެ ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަށް، އެހެން ހުރިހާ ދިވެހި ރައްޔިތުންނެކޭ އެއްފަދައިން، އެމަނިކުފާނުވެސް ތަޢުރީފް ކުރައްވާ ކަމުގައެވެ.
In condemnation of Israeli genocide against Palestinians, I, as all other Maldivians, applaud our Government’s decision to ban Israeli passport holders from entering the country.
— Maumoon Abdul Gayoom (@maumoonagayoom) June 3, 2024
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، އެކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ. ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވައިފައެވެ.
ރައީސް މައުމޫނަކީ އެކަމިކުފާނުގެ ވެރިކަމުގައި ފަލަސްތީނާއެކީ ގާތް ގުޅުމެއް ބޭއްވެވި، އަދި އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ