ފަލަސްތީނާއި އިޒްރޭލު މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން ބޭނުންވާ ކަންކަން ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމަވައިފި އެވެ.
މިކަން އިއުލާން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ހެދުމަށް ގާނޫނުތަކަށާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފަ އެވެ.
މިކަން ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި އިކޮނޮމިން މިނިސްޓަރު މުހައްމަދު ސައީދާއި ޓުރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.