މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި އެންމެ މަތީ ފެންވަރުގެ ފާހާނާތަކެއް ހެދުމަށް އަމާޒު ކުރައްވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކަން ހާސިލް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކުރުން ހަމައެކަނި ދިވެހިންނާ ހަވާލުކޮށް، ސާފުތާހިރުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މިސްކިތްތަކަކީ ސާފުކޮށް އޮންނަން ޖެހޭ ކަމަށާއި އަދި އެތަންތަން ސާފުކޮށް، ރީތިކޮށް ބެހެއްޓުމަކީ ގައުމެއްގެ ކުރިއެރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ގެއަކަށް ވަދެފައި، ފާހާނާ އަށް ވަދެފައި ބަލައިފި ކަމަށް ވަންޏާ ރީތި ފާހާނާއެއް ހުރެއްޖިއްޔާ ބަލާނެ ކަމެއް ނެތް އެއީ ސާފުތާހިރުކޮށް އުޅޭ ބައެއް. އެއީ މިންގަނޑެއް. އެހެންވީމާ ހާއްސަކޮށް އަޅުގަނޑުމެން މިސްކިތަށް އަރައި ފާހާނާއަކަށް ވަދެލާފައި މިސްކިތަށް އަރައިގެން ދާއިރުގައި ފާހާނާ ހަޑިކޮށް، ނަޖިސްކޮށް ހުރެ، އެ ނަޖިހާ އެއްކޮށް މިސްކިތަށް އެރިއްޖިއްޔާ ވަރަށް ދެރަކަމެއް އެ ކުރެވުނީ.
މޭޔަރު އާދަމް އާޒިމް
މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ދަތިކަމެއް ކުރިމަތިވުމަކީ އެ ކަމެއް ހުއްޓާލުން ނޫން ކަމަށެވެ. އަދި، އޭގެ ބަދަލުގައި އިތުރަށް އަޒުމް ވަރުގަދަކޮށް، އެ ކަމެއް ކާމިޔާބު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހފްލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި އޭނާ އާއި މިނިސްޓްރީގެ އެހީތެރިކަން މާލޭ ސިޓީ ކައުންސިލަށް އަބަދުވެސް ލިބޭނެ ކަމަށެވެ.