ބޭންކު އޮފް މޯލްޑިވްސްގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެ ބޭންކުގެ ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ކަމުގައި ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ ބޭންކުގެ ކާމިޔާބީއާމެދު ފަހުރުވެރިވާކަން ފާޅުކުރައްވާ، މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތާއި، އިންފްރާސްޓްރަކްޗަރ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ހާމަކުރައްވާފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކާރލް ވިދާޅުވީ 2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާއިރު، މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ ފައިދާ ކަމުގައެވެ.
މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން. އަޅުގަނޑުމެންގެ ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ. ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މިވަނީ މާކެޓްގެ %55 އިންސައްތައާއެކު އަޅުގަނޑުމެންގެ މަގާމު އިތުރަށް ވަރުގަދަވެފަ.
ކާރލް ވިދާޅުވިއެވެ.
ކަސްޓަމަރުން ކުރާ އިތުބާރަށް ޝުކުރު އަދާކުރައްވަމުން ކާރލް އިތުރަށް ވިދާޅުވީ ބޭންކުގެ ކާމިޔާބީގެ ބިންގަލަކީ ކަސްޓަމަރުންގެ އިތުބާރު ކަމުގައެވެ.
ތިޔަބޭފުޅުން ފަސްނުޖެހި އަޅުގަނޑުމެންނަށް ތިޔަ ކުރައްވާ އިތުބާރަށް ޝުކުރުއަދާކުރަން. އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގަލަކީ ތިޔަދެއްވާ އެއްބާރުލުން. އަދި ބޭންކުގެ މި ކާމިޔާބު ދަތުރުގައި ތިޔަބޭފުޅުން ތިއްބެވިކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ތިޔަބޭފުޅުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާނަން.
މިރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިތިބިކަން ފާހަގަ ކުރައްވަމުން ކާރލް ވިދާޅުވީ އެކުވެރި އަރަބި އިމާރާތުގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން (ރެންމިންބީ) އިން ކަސްޓަމަރުން މުއާމަލާތްކުރެވޭނެ ގޮތަށް ދާދިފަހުން ބޭންކުގެ ސިސްޓަމްތައް ވަނީ ކޮންފިގްރޭޓް ކޮށްފައި ކަމުގައެވެ. އަދި މިހާރު ރެންމިންބީ އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ރެންމިންބީ އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުންކުރެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކާރލް ވިދާޅުވީ، ބީއެމްއެލް އޮތީ ރާއްޖޭގައި އެންމެން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ވަރަށްވެސް ސާބިތުކަމާއެކުގައި ކަމަށާއި، ބޭންކުގެ ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް ބީއެމްއެލްއިން މަސައްކަތްކުރާނަނެ ކަމުގައެވެ.
ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެންނާއެކު މަސައްކަތްކުރާނަން.
ކާލް ވިދާޅުވިއެވެ.