އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމި ސައުތުގެ މަޝްހޫރު އެކްޓަރު ކަމަލް ހަސަންގެ ފިލްމު "އިންޑިއަން 2″ ޖުލައި އަށް ފަސްކޮށްފި އެވެ.
މީގެ ދެމަހެއްހައި ދުވަސް ކުރިން ޕޯސްޓަރުތަކެއް ވެސް ދައްކައިލައިފައިވާ މި ފިލްމް އަކީ މިއަހަރުގެ ވަރަށް އުންމީދީ ފިލްމްއެކެވެ. ފިލްމުގެ އާ ޕޯސްޓަރަކާ އެކީ ބުނީ މިހާރު ބެލުންތެރިންނަށް ފިލްމު ދޫކޮށްލަން ނިންމާފައި ވަނީ ޖުލައި 12 ގައި ކަމަށެވެ.
"އިންޑިއަން 2″ އަކީ ކަމަލް ހަސަނާއި ބޮލީވުޑްގެ ދެ ބަތަލާއިން ކަމަށްވާ މަނީޝާ ކޮއިރަލ އާއި އުރްމިލާ މަޓޯންޑްކަރާ އެކު އިންޑިއާގެ ސައުތުގެ ކުޅަދާނަ ޑައިރެކްޓަރު ޝަންކަރު 1996 ގައި ގެނެސްދިން ފިލްމުގެ ދެވަނަ ބައެވެ.
"އިންޑިއަން 2″ އަކީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ބައި ގެނެސްދިންތާ 28 އަހަރު ފަހުން "އިންޑިއަން 2″ ގެނެސްދޭ އިރު، މި ފިލްމުގެ ބަތަލާއިންނަކީ ރަކުލް ޕްރީތު ސިންގް އާއި ކާޖަލް އަގަރްވާލެވެ.
"އިންޑިއަން 2″ އާ އެކު ކަމަލް ހަސަން، 65، އެކްޓިން ކެރިއަރު ނިންމައިލާނެކަން އޭނާ ވަނީ އިއުލާން ކޮށްފައިއެވެ. އެކަން އޭނާ އިއުލާން ކުރީ ދިގުލައިގެން ދިއަ މި ފިލްމް އިއުލާން ކުރިތަނާ ކަހަލަ ގޮތަކަށް 2018 ގެ ފަހުކޮޅު އެވެ. އަދި އޭނާ ވަނީ އެ އަހަރު ރަސްމީކޮށް ސިޔާސީ ދާއިރާ އަށް ވެސް ނުކުމެފަ އެވެ.