އައިޔޫއެމް ވަރޗުއަލް ފޮތް މަޢުރަޒު މިމަހު 24ގެ ނިޔަލަށް

އައިޔޫއެމް ވަރޗުއަލް ފޮތް މަޢުރަޒު މިމަހު 24ގެ ނިޔަލަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން "އެކްސްޕްލޯ ދަ ވަރޗުއަލް ބުކް ޝެލްފް"ގެ ނަމުގައި ކުރިއަށްގެންދާ ފޮތް މައުރަޒު 24 ވަނަދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް، ޑިސެމްބަރުމަހުގެ 1ވަނަ ދުވަހު ފެށި އިޤްރައު އޮންލައިން ފޮތް މަޢުރަޒުގެ މުއްދަތު އިތުރު ދެހަފްތާއަށް، އިތުރުކޮށްފައިވަނީ ބައެއް ފަރާތްތަކުގެ އެދިލެއްވުމުގެ މަތިން އަދި ހަމައެހެންމެ މަޢުރަޒުން ފޮތް ގަތުމަށް ގިނަބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އައިޔޫއެމުން މައުލޫމާތު ދެއެވެ.

މިމަޢުރަޒުގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ނޮވެލްޓީ ބުކްޝޮޕް، އަސްރަފީ ބުކްޝޮޕް، އެމްސެވަން ބުކްސްޓޯރ، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، ވާހަކަ ޕަބްލިޝަރސް، އަދި އަމިއްލަ ލިޔުންތެރިޔާ ހުސްނާ ފަހުމީގެ އަރާކުރި ސިލްސިލާ ފޮތްބައެވެ. އައިޔޫއެމްގެ ފޮތްތަކުގެ ތެރޭގައި ހިމެނެނީ ފިޤްހު، އިސްލާމީ ތާރީޚް، ކީރިތި ޤުރުއާނުގެ ތާރީޚް، ކީރިތި ޤުރްއާނުގެ ދިފާޢުގައި، ތަޖުވީދު، އިސްލާމީ ޝަރީޢަތް، މާލީ މުޢާމަލާތް، އިސްލާމީ އަޚުލާޤު ފަދަ ފޮތްތަކެވެ.

ކިޔުންތެރިކަން ކުރިއަރުވާ މިސަފަތް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިފޮތް މަޢުރަޒުގެ ތެރޭގައި ޑިސެމްބަރ 1 އިން 10 އަށް 3 ދަންފަޅީގައި ކުރިއަށްގެދިޔަ ތަފާތު ހަރަކާތްތަކާއި ޕްރޮގްރާމްތަކަކީ މި މަޢުރަޒުގެ ބައިވެރިން އެންމެ ޝައުގުވެރިވީ ބައި ކަމަށްވެސް އައިޔޫއެމުން ބުނެއެވެ. އޭގެ ތެރޭގައި ވާހަކަ ކިޔައިދިނުމާއި، އިޝާރާތުން ވާހަކަ ހުށަހެޅުމާއި، ފޮތަކާބެހޭގޮތުން ލިޔުންތެރިޔާގެ ހުށަހެޅުމާއި، ފޮތްކިޔުމާބެހޭގޮތުންނާއި އިންފޮރމޭޝަން ލިޓްރަސީއާ ބެހޭ މަޢުލޫމަތު ދިނުމުގެ 2 ޕެނަލް ޑިސްކަޝަންގެ އިތުރުން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތްތަކާއި ޙަރަކާތްތައް، ވާހަކައަށި އަދި ކްރާފްޓް މަސައްކަތް ދައްކާލުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފޮތް މަޢުރަޒު ހިނގަމުންދާއިރު 2 މުބާރާތެއްގައި ބައިވެރިވުމަށް 24ޑިސެމްބަރުގެ ނިޔަލަށް ރަޖިސްޓްރީވެވޭނެ ފުރުސަތުވެސް އައިޔޫއެމުން ވަނީ ހުޅުވާލާފައެވެ. މިދެ މުބާރަތަކީ ޕްރައިމަރީ އަދި ސެކެންޑްރީ ލެވެލްގެ ކުދިންނަށް އަމާޒުކޮށް "ފޮތުގެ ސަމަރީ ނުވަތަ ޚުލާސާ" ލިޔުން އަދި ހަޔަރަ ސެކެންޑްރީ ނުވަތަ 16 އަހަރުން މަތީގެ މީހުނަށް އަމާޒުކޮށް "ފޮތުގެ ރިވިޔު" ލިޔުމުގެ މުބާރާތެވެ. މިއީ 1ވަނަ، 2ވަނަ، 3 ވަނަ އަށް ފައިސާގެ އިނާމު ލިބޭ ގޮތަށް ބާއްވާ ދެ މުބާރާތެކެވެ.

އިޤްރައު އޮންލައިން ފޮތް މަޢުރަޒަކީ ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވޭ ފުރަތަމަ އޮންލައިން ނުވަތަ ވަރޗުއަލް ފޮތް މަޢުރަޒެވެ.

ހިޔާލުފާޅު ކުރައްވާ!