ކައުންސިލް އިންތިޚާބު ބޭއްވުމަށްވުރެ އެމްޑީޕީގެ ތެރޭގައި އޮތް ލީޑަރޝިޕް ވާދަވެރިކަމުގައި، އެޕާޓީގެ ޤައުމީ މަޖިލީހުގެ ގޮޑިތަކަކުގެ ވާދަވެރިކަން މާބޮޑުކަމުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާ ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ވާހަކަ ދައްކަން މިސަރުކާރުން ފަސް ޖެހެނީ އިންތިޚާބް ކާމިޔާބުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުންކަމަށެވެ. ކައުންސިލް އިންތިޚާބަށްވުރެ އަމިއްލަ ޕާޓީތެރޭގައި އޮތް ކޯޅުން ބޮޑުވެ، ރައީސް ނަޝީދާއި، ރައީސް ޞާލިހު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކޮންޓްރޯން ނެގުމަށް މިހާރު ކުރަމުންދާ ކެންޕެއިން މާވަރުގަދަކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޮން އިތުރު އިންތިޚާބެއްގެ ވާހަކަތޯ ދެއްކޭނީ، ދެ ބޭފުޅުން އެއުޅުއްވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯން ނަގާނީ ކާކުތޯ ބަލަން. އެކަމަށް އެވާދަކުރަނީ. އެހަނގުރާމަ ނިމިގެން ނޫންތޯ އެހެން ކަމަކާއި އުޅެވޭނީ. އެމްޑީޕީގެ ވެރިކަން ހޯދުމަށް ކުރާ ހަނގުރާމަ މާބޮޑު ކައުންސިލް އިންތިޚާބަށްވުރެ އެމްޑީޕީ ތެރޭގައި.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީހެއް ނުދިނުމަށް ސަރުކާރުން ގެންގުޅޭ އެންމެބޮޑު ހަތިޔާރަކީ އެޗްޕީއޭކަމަށެވެ. ރާއްޖޭގައި އޮތް ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައި އިންތިޚާބު ނުބޭއްވޭނެ ހުރިހާ މަގެއް ހޯދުމަކީ އެޗްޕީއޭގެވެސް މިއަދުގެ އަމާޒުކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ތާއަބަދު އިންތިޚާބް ބާއްވާނެކަމަށް ބަލައިގެން ނުތިބޭނެ ކަމަށާއި، އިންތިޚާބު ބޭއްވުމަށް، ނުވަތަ އިންތިޚާބު ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށެވެ. އެ މަސައްކަތުގެ ފެށުން މި ހޮނިހިރު ދުވަހުގެރޭ ފައްޓާނެކަމަށް ޝުވާ ވަނީ ވިދާޅުވެފައެވެ.
ޝުޖާ ވިދާޅުވީ މި އިންތިޚާބު ކޮންމެ ތާރީޚެއްގައި ބޭއްވިޔަސް އިންތިޚާބު ކާމިޔާބު ވާނެކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. އެމްޑީޕީއަކީ އިންތިޚާބަށް ފަރިތަ ޕާޓީއެއްކަމަށް މީގެ ކުރިން ވިދާޅުވެ ގަދަބަސް ބުނި ނަމަވެސް މިހާރު ބަލަނީ އިންތިޚާބު ނުބާއްވައި، އިންތިޚާބެއްގެ ނަން ބޭނުން ނުކުރެވޭ ގޮތަކަށް ކަންކަން ބައްޓަން ކުރަން ކަމަށެވެ. އަދި މިއަދު އެޕާޓީއަކީ އިންތިޚާބާއި ދުރު ޕާޓީއެއްކަން ޕާޓީގެ ތެރޭގައި ބޭއްވޭ އެންމެ އާދައިގެ ވޯޓުތަކުންވެސް ހާމަވަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ