60 އަށް ވުރެ ގިނަ ބައިވެރިންނާއެކު ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފިއެވެ. މި މަހާސިންތާ ކުރިޔަށްދަނީ ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގައި، ތިން ދުވަހުގެ މުއްދަތަށެވެ.
މިއަދު އިފްތިތާޙު ކުރެވުނު މި މަހާސިންތާގައި ވާހަކަ ދައްކަވަމުން މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް)ވިދާޅުވީ ޖަމްއިއްޔާތައް ބާރުވެރި ކުރުމަށް ބޭނުންވާ އިންސާނީ ވަސީލައްތައް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގައެވެ.
މި މަހާސިންތާ ފެށުމުގެ ގޮތުން މިއަދު ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްވާޑް ވިދާޅުވީ ޖަމުއިއްޔާތަކުގެ މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ މަދަނީ ޖަމުއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި އުނދަގޫތައް ދެނެގަނެ އެކަން ހައްލުކުރުން ކަމަށެވެ. މިއީ ވަރަށް މުހިންމު ފެށުމެއް ކަމަށާއި މި ފަދަ މަހާސިންތާއެއްގައި ހަގީގީ ނަތީޖާ ނެރެވޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުގެ ހިއްސާ އޮވެގެން ކަން މިނިސްޓަރ ފާހަގަކުރައްވާފައެވެ.
މި މަސައްކަތް ވިލިންގިލީގައި ފެށި ނަމަވެސް މި މަސައްކަތް އުތުރާއި މެދުރާއްޖެ ތެރޭގައި ވެސް އަދި ވަކި ރަށްރަށުގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖަމްއިއްޔާތަކުގެ މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ.
މީގެ އިތުރުން ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް މި މަހާސިންތާގައި ވަނީ ރާވާފައެވެ.
މި މަހާސިންތާގެ މަގުސަތުތަކުގެ ތެރޭގައި ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ޖަމްއިއްޔާ ތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގެ އިތުރުން އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާ ތަކުގެ ދައުރު އިތުރު ކުރުން އަދި މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާ ތަކުގެ ބައިވެރިވުން އިތުރު ކުރުން ހިމެނެއެވެ.
މި މަހާސިންތާގައި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުލޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ