އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިއާ ސާނިއާ މިރްޒާގެ ގޭގެ ނަންބޯޑު ބަދަލުކޮށްފިއެވެ. އޭނާގެ ގޭގެ ނަންބޯޑު ބަދަލު ކޮށްފައި މިވަނީ އޭނާގެ ފިރިމީހާ ކައިރިން ވަކިވެފައި ވާކަން ކަށަވަރު ކުރުމަށް ކަމަށް ވެއެވެ.
ސާނިއާ އާއި ޕާކިސްތާންގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިއާ ޝޯއެބް މަލިކް 2010 ވަނަ އަހަރު ކުރި ކައިވެނި ވަނީ މި އަހަރު ނިމުމަކަށް އައިސްފައިއެވެ. އަދި ހަމަ އެއާއި އެކުގައި ޝޯއެބް ވަނީ އިތުރު ކައިވެންޏެއްވެސް ކޮށްފައިއެވެ. އޭނާ ކައިވެނި ކޮށްފައިވަނީ ޕާކިސްތާންގެ މަޝްހޫރު އެކްޓްރެސް ސާނާ ޖާވެދް އާއިއެވެ.
ސާނިއާ އާއި ޝޯއެބްގެ ކައިވެނި ރޫޅުނު އިރުގައި އެމީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައިއެވެ. އެއީ 2018 ވަނަ އަހަރުގައިއެވެ. ސާނިއާ އާއި ޝޯއެބް ވަކިވުމުން ދަރިފުޅު ބަލަމުން އަންނަނީ ސާނިއާއެވެ.
ޝޯއެބް ގެ މި ބޭވަފާތެރި ކަމާއި އެކުގައި ސާނިއާ ވަރަށް ބޮޑަށް ހިތާމަކޮށްފައި ވާކަމަށް ވެއެވެ. ނަމެވެސް ބޭވަފާތެރިއަކަށް ޓަކައި ކަރުނަ އަޅަށް އޭނާ ބޭނުން ނުވާ ކަމަށް ވެއެވެ. އަދި ދިރިއުޅުމުން ޝޯއެބް ފޮހެލަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އޭނާގެ ގޭގެ ނަންބޯޑަކީ އެކަމުގެ ހެއްކެއް ކަމަށް ރިޕޯޓްތަށް ބުނެއެވެ.
އޭނާގެ ގޭގެ ނަންބޯޑުގައި މިހާރު އިންނަނީ ސާނިއާ ގެ ނަމާއި އެކުގައި އޭނާގެ ދަރިފުޅު އިޒްހާން ގެ ނަމެވެ. ގިނަ ބަޔަކު ބުނާގޮތުގައި މިހާރު ސާނިއާ ވަނީ އޭނާގެ ހިތާމަތަކުން އަރައިގަނެފައިއެވެ.