ސަރުކާރު މަސް ކުންފުނި މިފްކޯގެ ސީއީއޯގެ މަގާމުން އިއްޔެ ވަކިކުރި އަހުމަދު ސަމާހު ރަޝީދު، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަން ކޮށްފިއެވެ.
މިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ބައެއް މީޑިއާތަކަށް ޔަގީންކޮށް ދީފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި އިއްޔެ ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި ސަމާހު އެ މަގާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ޕީސީބީ އިން ސަމާހު ވަކިކުރި ސަބަބު ހާމައެއް ނުކުރެ އެވެ. އަދި އެކުންފުނީގެ އެމްޑީ މަގާމުން ވަކިކުރި ސަބަބެއް މިފްކޯއިންވެސް ހާމަކޮށްފައެއް ނުވެއެވެ.
ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ބަލާ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހެދުމަށްޓަކާ ސަސްޕެންޑްކުރުމަށްފަހު އޭނާ އަލުން މަގާމަށް ނިކުތުމުގެ ހުއްދަ ދީފައިވަނީ ފާއިތުވި އެޕްރިލްމަހުގެ 24 ވަނަ ދުވަހުއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެނާ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ 14 ދުވަހަށް، މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ، އެއަށްފަހު އޭނާގެ ސަސްޕެންޝަންގެ މުއްދަތު 7 ދުވަހަށް އިތުރު ކޮށްފައި ވެއެވެ.
މީގެ ކުރިން ސަމާހުއާއި ގުޅޭ ޝަކުވާތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ބެލުމަށް ޕީސީބީން އޭނާ ސަސްޕެންޑު ކުރި އެވެ. އޭރު އޭނާއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ކުންފުންޏާ ގުޅޭގޮތުން ބަލަމުން ދާ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ މަންފާއަށް ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުންތަކެއް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރުމަ ހިމެނެ އެވެ. އަދި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންތައް ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ބަދަލުކޮށް އެހެން ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުން ހިމެނެ އެވެ. އަދި ބައެއް މުވައްޒަފުން މަސައްކަތް ކުރާ ރަށްތައް ބަދަލު ކުރުމުގެ ޝަކުވާ ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ސަސްޕެންޝަން މައްސަލައިގައި ސަމާހު އާއި ޕީސީބީ ހާޒިރުކޮށް ރައްޔިޔުންގެ މަޖިލިސް ކޮމިޓީގައި އެކަން ހިނގިގޮތް ސާފު ކުރުމަަށް މަސައްކަތް ކުރި އެވެ. އެ ކޮމިޓީގައި އޭނާ ވަނީ ޕީސީބީގެ އިންކުއަރީއަށް ހޯދަން އެދުނު މައުލޫމާތުގެ އިތުރުން މައްސަލައާއި ގުޅޭ ބައެއް އެހެން ހަގީގަތްތައްވެސް ހިއްސާކުރައްވާފައެވެ.
ސަމާހު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި މިފްކޯއަކީ ގެއްލުމުގައި ހިނގާ ކުންފުންޏެއްގެ ގޮތުގައި އޮންނީ މަހުގައި ހިސްޓަމިން ގިނަކަމަށް ބުނެ ރިޖެކްޓުކުރުމަށްފަހު އެތަކެތި ވިއްކައިގެން ބަޔަކު މީހުން މަންފާއެއް ހާސިލުކުރާތީކަމަށް ބެލެވޭކަމަށެވެ.
ސަމާހު ވިދާޅުވީ އެގޮތުގެ މަތިން އެކްސްޕޯޓުކުރާ ފްރޯޒެން ޓޫނާ ޝިޕްމެންޓު ރާއްޖެއިން ލޯޑުކޮށްގެން ތައިލެންޑާއި ހިސާބަށް ދާއިރު ޝޯޓް ލޭންޑިންގް ގެ ގޮތުގައި އެތައް ސަތޭކަ ޓަނެއް ގަސްތުގައި މަދުކުރާކަމަށާއި އެކަމުންވެސް ނުހައްގު ފައިދާތަކެއް ނަގަމުންދާކަމަށެވެ. އަދި އޭނާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ކުރިމަތިވެފައިވަނީ އެ “މާސިންގާ ވަގު ވިޔަފާރި” ހުއްޓުމަކަށް ގެނެސް ދާއިމީ ހައްލެއް ގެނައުމަށް ކުރި މަސައްކަތްތަކާއި ދެކޮޅަށް މިފްކޯގެ ތެރެއިން ނުފޫޒުގަދަ ބަޔަކު މަސައްކަތްތައް ކުރަމުންދާތީކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އޭނާ ވިދާޅުމިފްވީ މިފްކޯގެ ސީއިއޯކަމާއި ހަވާލުވި އިރު މަސްވެރިންނަށް ފައިސާދިނުމުގެ މަސައްކަތްތަކުގެ އިތުރުން މިފްކޯގެ މަސައްކަތްތަކުގައިވެސް ބޮޑެތި އިހުމާލުތައް ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިފްކޯގެ މަސްކާރުހާނާތަކުގެ މަސައްކަތްތައް ނުކުރެވިހުރިއިރު ކަލެކްޓަރ ވެސަލްތައް ޑޮކު ނުކޮށް ބެހެއްޓުމުގެ ސަބަބުން އިންޖީނުތައް އޯވާހޯލްކުރުމުގެ މަސައްކަތްތައް ހުރީ ނުކުރެވިފައިކަމަށާއި ޖުމުލަގޮތެއްގައި ކުންފުނި އޮތީ ހުއްޓިފައިކަމަށެވެ.