އެމްޑީޕީ މަތިފަޑިން ރައީސަށް އެއްބާރުލުމެއް ނުދޭ، އިދިކޮޅަށްވުރެ އެމްޑީޕީ ދެކޮޅު: މޫސަ

އެމްޑީޕީ މަތިފަޑިން ރައީސަށް އެއްބާރުލުމެއް ނުދޭ، އިދިކޮޅަށްވުރެ އެމްޑީޕީ ދެކޮޅު: މޫސަ

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 10:32
0

އެމްޑީޕީގެ ސުޕަމެޖޯރިޓީގައި މިއަދު ހިންގަމުންދާ ވެރިކަމަށް ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ދޭންޖެހޭ އެއްވެސް އެއްބާރުލުމެއް ނުދެއްވައި، އިދިކޮޅުން ކުރަމުންދާ ޕްރެޝަރަށްވުރެ ބޮޑު ޕްރެޝަރެއް އެމްޑީޕީން، ސަރުކާރަށް ކުރަމުންދާކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީއަކީ މިޤައުމުގައި މިހާތަނަށް ދެ ފަހަރު ވެރިކަން ލިބުމުގެ ފުރުސަތު ލިބިފައިވާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީން އުފެދުނީއްސުރެ ޕާޓީގެ ތެރޭގައި ޖެހޭ މައްސަލަތަކާއި އުފެދޭ ޚިޔާލު ތަފާތުވުންތައް ހައްލު ކުރަނީ ވާހަތަކަ ދައްކައިގެން މަޝްވަރާގެ މަތީންކަމަށެވެ. ޑިމޮކްރަޓިކް އުސޫލުން އެމްޑީޕީއަށް ރާއްޖޭގެ ގިނަ ރައްޔިތުންގެ ތާއީދު މިހާތަނަށް ލިބިފައިވަނީވެސް އެއުސޫލުން މަސައްކަތް ކުރުމުންކަމަށް މޫސަ ވިދާޅުވިއެވެ. ޕާޓީގެ ތެރޭގައި އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި މަގުތަކަށް ނިކުމެ ރައްޔިތުން ކުރިމަތީގައި ޕާޓީ ހަވަރަށް ދިނުމަކީ އެމްޑީޕީ ގަބޫލު ކުރާ ސިޔާސަތެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ތެރޭގައިވެސް ކިތަންމެ ފަހަރަކު ޚިޔާލު ތަފާތުވެ، ޕާޓީގެ ލީޑާރޝިޕްގައި ވާހަކަ ދައްކައިގެން ހައްލު ކުރި ކިތަންމެ ކަމެއް ހުންނާވެކަމަށެވެ. އޭރުވެސް ވެރިކަން ކުރަމުންދިޔައީ ކޯލިޝަނެއްގެ ތެރެއިންކަމަށާއި، މިއަދެކޭ، އޭރެކޭވެސް ވެރިކަން ކުރަމުން އަންނަ އުސޫލުގައި އެއްވެސް ތަފާތެއް ނެތްކަމަށެވެ. އޭރުގެ ކޯލިޝަން ވަޒީރުންގެ ތެރެއިން މަސައްކަތް ނުކުރެވޭ ވަޒީރުންގެ މައްސަލަ ހައްލު ކުރީ ރައީސަށް ދަންނަވައިގެން މަޝްވަރާގެ އުސޫލުންކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ ކޯލިޝަން ވަޒީރަކަށް ވިޔަސް، އަދި ޕާޓީގެ ވަޒީރަކަށް ވިޔަސް، އެމްޑީޕީގެ ބައެއް ބޭފުޅުންގެ ހިތްހަމަ ނުޖެހުމުން އެމީހަކާއި ދިމާލަށް ހިތުހުރި އެއްޗެއް ގޮވައި، ސަރުކާރު ފަލީހަތް ކޮށްލާ މަންޒަރު ކަމަށެވެ.

2008 ގައިވެސް އޭރު އެތެރޭގައި ދިމާވި ކަންކަން ބޭރަށް ނުގެނެސް އަޅުގަނޑުމެން ހިފެހެއްޓިން. އޭރުވެސް އައީ ބޮޑު ކޯލިޝަނަކުން. ވެރިކަން ކުރަމުންދިޔައީ އެކޯލިޝަނުން އައިއިރުވެސް ދިމާވާ ހުރިހާ ކަމެއްގައި ފޮޅާލާފަ ނުނިކުންނަން. އަޅުގަނޑުމެންވެސް ބޭނުންވެގެން ނޫނީ ޤާނޫނު އަސާސީން މަތިކޮށްފައިވާ ކަންކަން ކުރުމަށް އޭރުގެ ރައީސް ދެކޮޅު ހެއްދެވި، މިސާލަކަށް ސްޕްރީމް ކޯޓުގެ ބެންޗުގެ ކޮންޓްރޯލް ނުލިބިދާނެކަމަށް ބަލައި އެކަން ކުރަން ދެކޮޅު ހެއްދެވި، އަޅުގަނޑުމެންގެ ވިސްނުމާއި ދެކޮޅަށް، ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައި އަލުން ހުވާކުރި، ނުނިކުންނަތް ފޮޅާލަ ރައީސުލް ޖުމްހޫރިއްޔާއާއި، ޕާޓީއާއި ދެކޮޅަށް.

– މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފެއްދި ޕާޓީއެއް ކަމަށެވެ. އެމްޑީޕީ ތެރެއިން ކުރިން ފެނުނު ރޫހާއި، ޖޯޝް މިއަދު އެމްޑީޕީ ތެރެއިން ނުފެންނަކަމަށެވެ. މިއަދު ފެނިގެންދަނީ ވަކި މީހަކަށް ބާރުތައް ހޯދައި، ޕާޓީގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތް ކަމުގައެވެ. ނަމަވެސް ވެރިކަން ލިބި ރައްޔިތުންނަށް ޚިދުމަތެއް ކޮށްލުމަށް ލިބޭފުރުސަތެއްގައި ވަކި މީހެއްގެ ހައިބަތު ބޮޑު ކުރުމަށް އުޅުމަކީ ޕާޓީގެ ވެރިކަން ހިންގުމަށް ފަސޭހަވާނެ ކަމެއްނޫންކަމަށް މޫސަ ވިދާޅުވިއެވެ.

އަޅުގަނޑު ނުރުހޭ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، އަންހެނުންނާއި، ދަރިންނަށް އަނިޔާކޮށް، އެމީހުންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި، މަގުމައްޗަށް ނިކުތުމުން އެކަން ހައްލުވާނެތޯ؟ ވާހަކަ ދައްކައިގެން މަޝްވަރާގެ އުސޫލުން ނޫންތޯ ކަންކަން ހައްލުވާނީ. އެއީ އާއިލާއަކަށް، އަދި ސަރުކާރަކަސް، އެހެން ތަނަކަށްވިޔަސް. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އެމްޑީޕީގެ އެންމެ މަތި ފަޑިން ރައީސް ޞާލިހަށް އެއްބާރުލުން ނުދޭތަން. މިއީ ހަގީގަތަކީ.

– މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެމްޑީޕީގެ ފިކުރުގެ އެމްޑީޕީ މީހެއްކަމަށެވެ. މިއަދުވެސް އެމްޑީޕީއަށް ޚިދުމަތް ކުރަން ފުރުސަތު ލިބިއްޖެނަމަ އެފުރުސަތުގެ ބޭނުން ހިފާނެކަމަށެވެ. ނަމަވެސް އެއްވެސް ހަމައެއް އުސޫލެއްނެތި ޕާޓީ ބޭރުކޮށްލާފައިވާކަމަށް މޫސަ ވަނީ ވިދާޅުވެފައެެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު މިހާރު އޮތް ބޮޑު މެޖޯރިޓީއާއިއެކު ކާމިޔާބު ނުކުރެވިއްޖެނަމަ އެއީ ސަރުކާރަށް ލިބޭނެ އެންމެބޮޑު ސިޔާސީ ބަލިވުމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު "އޮރިޔާން" ވުންފަދަ ކަމެއްކަމަށް މޫސަ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.