އިންޑިއާގެ މުމްބާއީއަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ތޫފާނުގައި ބިލްބޯޑެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރިޔާން ގެ އާއިލާގެ ދެމީހަކު ހިމެނޭ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ބިލްބޯޑު ވެއްޓުނު ހާދިސާގައި ޖުމްލަ 16 މީހަކު ވަނީ މަރުވެފައިއެވެ. ހަބަރު ލިބޭ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ކާތިކް ގެ ބޮޑުބޭބެ އާއި އޭނާގެ އަންހެނުން ކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންގެ ހަށިގަނޑު ފެނިފައި ވަނީ މިހާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ.
މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެމަފިރިން މުމްބާއީއަށް ދިޔައީ އެމެރިކާގައި ދިރިއުޅޭ އެމީހުންގެ ދަރިފުޅު ކައިރިއަށް ދިޔުމަށްޓަކައި ވިސާ ޖެހުމަށެވެ. އަދި އެކަން ނިންމާލުމަށްފަހު އެނބުރި އައި މަގުމަތީގައި ޕެޓްރޯލް އަޅަން މަޑުކުރިތަނާ އެތަނުގެ ކުރިމަތީގައި ހުރި ބިލްބޯޑު ވެއްޓި އެތަނުގައި އެ މީހުން ތާށިވީ އެވެ.
އެ ދެމެފިރިންގެ ހަބަރެއް ނުވެގެން އެމީހުންގެ ދަރިފުޅު މުމްބާއީގެ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެމީހުން ހަށިގަނޑު ފެނިފައިވަނީ ބިލްބޯޑް ވެއްޓުނު ޕެޓްރޯލް ޝެޑްގެ ތެރެއިންނެވެ.