ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުންވެސް ދަނީ ކުރަމުން

ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުންވެސް ދަނީ ކުރަމުން

Author
ހުސެއިން
19 މެއި 2024 11:00
0
ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބި އެ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުންވެސް ކުރަމުންދާކަމަށް ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، އުމުރުން 32 އަހަރުގެ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:54 ހާއިރު ކަމުގައެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް މިއަދު 16:50 ހާއިރު ފަށާފައިކަމަށްވެސް ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، އެންމެ ފަހުން ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ހުރި އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ލަފާކުރާކަމުގައެވެ.

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު ގެއްލުނު ބިދޭސީ މީހާ ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުންވެސް ވަނީ އެދިފައެވެ.

ފުލުހުން މީގެ ކުރިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ މިއަދު 15:30 ހާއިރު ކަމަށެވެ. އަދި މިހާރު އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ ބިދޭސީ މީހާ މޫދަށް ފޭބި ކަޔަކް ބޯޓު ހިއްސާކޮށްފައެވެ.

"ފޮޓޯއިން އެފެންނަ ކަޔަކް ބޯޓަކީ ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ގެއްލިގެން ހޯދަމުންދާ މީހާ ދަތުރުކުރި ކަޔަކް ބޯޓު،" އެ ޕޯސްޓުގައި ފުލުހުން ބުންޏެވެ.

އެ މީހާއާއި އެ ކަޔަކް ބޯޓު ފެނިއްޖެނަމަ 3322111އަށް ނުވަތަ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 6842557 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ ކުރިން ފުލުހުން ބުނީ އެ މީހާއަކީ ރިސޯޓުގެ ދޯނީގައި މަސައްކަތް ކުރާ ބަންގެލަދޭޝް މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.