ރައްކާތެރިކަން ކަށަވަރު ކުރުމަށް، ރާއްޖެ އެތެރެކުރާ ކާބޯތަކެތި ޓެސްޓުކުރަން ފަށަނީ

ރައްކާތެރިކަން ކަށަވަރު ކުރުމަށް، ރާއްޖެ އެތެރެކުރާ ކާބޯތަކެތި ޓެސްޓުކުރަން ފަށަނީ

Author
ހުސެއިން
16 މެއި 2024 05:31
0

ސަރުކާރުގެ އަމާޒާ އެއްގޮތަށް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސާމްޕަލް ނަގައި ރާއްޖެއިން ބޭރުން ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ކައިރި މުސްތަގުބަލެއްގައި ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެެއް އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ މޭޒުތަކުގައި ހުންނަ ކާނާގެ ބާވަތްތަކަކީ ރައްކާތެރި ކާބޯތަކެތީގެ ގޮތުގައި ގެންނަ ތަކެތިތޯ ކަށަވަރުކުރުން ކަމަށާއި އެ މަސައްކަތްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރަމުން އަންނަ ކަމަށެވެ.

"އޭގެ އިތުރުންވެސް އެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައި ވަނީ ފާސްވެފައި. އެ ބިލު ގެޒެޓުވާ ހިސާބުން ފެށިގެން ރާއްޖެއަށް ކާބޯތަކެތި އެތެެރެކުރާ ގޭޓާ ހިސާބުން ފެށިގެން އެމްއެފްޑީއޭއަށް ސާމްޕަލް ނެގުމުގެ ބާރު ލިބޭނެ. އެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށިގެންދާނެ،" ހަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖޭގައި ތަރުކާރީ އަދި މޭވާގެ ދަނޑުވެރިކަން ކުރާ އިރު، ވަރަށް ގިނަ ކެމިކަލްތައް ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި އެއީ ރާއްޖޭގައި ކުރެވޭ މަދު ޓެސްޓުތަކުން ފާހަގަކުރެވެނު ކަންކަން ކަމަށެވެ.

"ރާއްޖެއަށް ގެންދާ ތަރުކާރީ މޭވާގެ ބަވަތްތަކުންވެސް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ހެދުމަށް ހުއްދަ ލިބޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަމުންދަނީ. އެހާ ހިސާބުން އަޅުގަނޑުމެންނަށް ކެވޭ ކާބޯތަކެތީގައި ނުރައްކާތެރި މާއްދަތައް ހުރީ ކިހާ މިންވަރަކަށް އެނގި، ރައްކާތެރި ތަކެތި އެތެރެކުރުމަށް އެމްއެފްޑީއޭއަށް ބާރު ލިބިގެން ދާނެ" ހަލީހު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ޓެސްޓުތަކަށްފަހު ރާއްޖޭގައި އުފައްދާ ތަކެތި ވެސް ރައްކާތެރި ގޮތުގައި ހެއްދުމަށް ދަނޑުވެރިންނަށް އެނގޭނެ ކަމަށާއި އެއީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް ކުރައްވަން ނިންމަވާފައިވާ މަސައްކަތައް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.