ހދ. ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ފަރުހަތު މުހައްމަދުގެ ކެމްޕެނޭ އޮފީހުގައި އަލިފާން ރޯކުރި މައްސަލާގައި ހައްޔަރު ކުރިމީހާ އޭނާގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ. އެކަމެއް ހިނގާފައި ވަނީ ފާއިތުވި އެޕްރިލްމަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރެވެ.
އެ އޮފީހުގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑީއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ އެ ތަނުގައި ރޯކޮށްލުމަށް ފަހު ދެ މީހަކު ފިލާ މަންޒަރެވެ. އެމީހުން ތިބީ ވިއްސާރަ ކޯޓް ލައި, މޫނު ނިވާކޮށްގެންނެވެ.
އެހެންނަމަވެސް ފުލުހުން ފަހުންވަނީ އެމައްސަލާގައި ތުހުމަތު ކުރެވޭ މީހާ އަތުލައިގެންފައެވެ. އޭނާ އަތުލައިގަތީ ރައްޖެއިން ބޭރަށް ފުރަންވެގެން އެއަރޕޯޓުގައި ހުއްޓައެވެ. ކޯޓު އަމުރެއްގެ ދަށުން އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުރުން 31 އަހަރުގެ އަންވަރު މުހައްމަދުއެވެ.
އެމައްސަލާގައި އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 10 ދުވަހެވެ. އޭގެ ފަހުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފައެވެ.
ކޯޓުގައި ފުލުހުން ބުނެފައިވަނީ އޭނާ ފުރަން އެއަރޕޯޓަށް ދިޔައީ ބަންދުކުރުން ޗިޓް ފޮނުވާފައިވަނިކޮށް ޕޮލިހަށް ހާޒިރު ނުވެހުރެ، ފިލައިގެން ދިއުމަށްކަމުގައެވެ. އެހެންނަމަވެސް އަންވަރު ކޯޓުގައި ބުނެފައިވަނީ އޭނާ ރާއްޖެއިން ބޭރަށް ފުރަން ދިޔައީ ދަރިފުޅު ބަލިވެގެން ކަމުގައެވެ.
ކޮމެންޓު ފޮނުވާ