އެކެއް ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ސިޔާސީ އިސްބޭފުޅުންގެ މެދުގައި ބޮޑު ކޯޅުމަކަށް ވަނީ ގޮސްފައެވެ.
މިހުކުމުގެ ޒުވާބު ބޮޑުވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ މިކަމައި ގުޅިގެން ރޭ ކުރެއްވި ޓްވީޓަކަށްފަހުގައެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ރޭ ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ އަމުރަށް ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. މިމައްސަލާގައި ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ޤާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު، ކުރެވޭ ފަރާތްތަކުގެ މައްސަލަބެލުންކަމަށެވެ.
މިކަމާއި ގުޅިގެން ސިޔާސީ ބޭފުޅުންނައި ދީނީ އިލްމުވެރިންނާއި، ޤާނޫނީ ފުންނާބު އުސްބޭފުޅުން ދަނީ އެއްބަަޔަކު އަނެއްބަޔަކަށް މިކަމުގައި ދެކޭ ގޮތް ހާމަކޮށް، ރައްދު ދެއްވަމުންނެވެ. ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު ވަނީ މިކަމާއި ގުޅިގެން ކުރިމިނަލް ކޯޓިގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމްއާއި، އަލްހާން ފަހުމީ ދައްކަވާ ވާހަތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވަމުންނެވެ. އިޔާޒު ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ހޭވި ހަޑި ތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަލްހާން ފަހުމީ އާއި ހައިލަމް ވަރަށް ކޯފާ ވާކަމަށެވެ. އަދި ބަޔަކު ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ހަގީގަތަކީ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ގިނަ ހުކުމްތައް އިއްވާފައިވަނީ ޤާނޫނާއި، ޤަވާއިދާއި ޚިލާފަށްކަމުގައި އިޔާޒު ވަނީ ވިދާޅުވެފައެވެ.
އިސްލާހުވުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުށެއް ކުށެއް ކުރެވިއްޖެކަން ޤަބޫލު ކުރުން. ކިތަންމެ ތިމާގެ މީހެއް ނަމަވެސް ތެދެއް ބުނެދޭން ޖެހޭނެ. ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ހޭވި ހަޑި ތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަލްހާން ފަހުމީ އާއި ހައިލަމް ވަރަށް ކޯފާވޭ. ބަޔަކު މީހުން ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ހަގީގަތަކީ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ގިނަ ހުކުމްތައް އިއްވާފައިވަނީ ޤާނޫނާއި، ޤަވާއިދާއި ޚިލާފަށްކަން. ޤާނޫނީ ބޭފުޅުން މިކަމަށް ހެކިވެ ވަޑައިގަންނަވާނެ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ސްޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ޑރ.އިޔާޒް ކުރެއްވި ޓްވީޓުތަކާއި ގުޅިގެން އަލްހާން ވިދާޅުވެފައިވަނީ ތަނެއް ދޮރެއް ނޭގުނަސް ސިޔާސީ ކަންކަމަށް އަގަބާނަންޖެހޭކަމަށެވެ. ޑރ.އިޔާޒު މަސައްކަތް ކުރައްވަނީ ސިޔަސީ ވެރިންގެ ގާތުން މެޑެލް ޖައްސައިގެން ކުރިއަށް ދިއުމަށްކަމަށާއި، މިކަން ކުރުމަށްވުރެ ޤުރުއާން ތަފްސީރު ކުރުންވެސް މާ ރަނގަޅު ވާނެކަމަށް އަލްހާން ވިދާޅުވިއެވެ.
ތަނެއް ދޮރެއް ނޭނގުނަސް ސިޔާސީ ކަންކަމަށް އަނގަ ބާނަންޖެހޭ! ހުރިހާކަމެއް ތިމާއަށް އެނގޭކަމަށް ހެދިގެން އުޅުމަކީ ނިކަން ޖާހިލު ސިފައެއް! ސިޔާސީ ވެރިން ގާތުން މެޑަލް ޖަހަން ފަތުވާ ނެރުން ހުއްޓާލިއްޔާ މާ ރަނގަޅުވާނެ! ގުރުއާން ތަފްސީރު ކުރައްވާ!
– އަލްހާން ވިދާޅުވިއެވެ.
ޑރ.އިޔާޒުގެ ވަހަކަތަކަސް ރައްދު ދެއްވަމުން ކުރިމިނަލް ކޯޓިގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވަނީ ސްޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ފުލުހުން ކޮށްފައިވާ ތަހުގީގާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ދެއްކި ވާހަކަ ހިއްސާކޮށް، އިޔާޒާއި ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ. އަދި މިފަދަ ހެކި ފެންނަން ހުރި މައްސަލައެއްގައި އިޔާޒު ރޯނު އެދުރަކަސް ވެގެން ނޫޅުމަށް ހައިލަމް ވަނީ ގޮވާލާފައެވެ.
ފުރާޅުން ޓިނު ނަގައިގެން ދެ ފަނޑިޔާރަކު ހައްޔަރުކުރަން ޖެހުނު ސަބަބު ފުލުހުން އެވިދާޅުވެދެއްވީ! އިޔާޒް ވެސް ރޯނު އެދުރަކަށް ވެގެން އުޅުން ހުއްޓާލައްވާ. ކިތާބީ ހެކި ހުރި މިވަރުގެ މައްސަލައެއްގެ ތަޙްޤީޤް ހުއްޓާލެއްވި ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވުން އެދެން.
– ހައިލަމް ވިދާޅުވިއެވެ.
އެކެއް ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުންކަމަށާއި، އޭގެ ނަތީޖާއަށް އެ ފަސް ފަނޑިޔާރުންވެސް ޒިންމާވާން ޖެހޭނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައިއެވެ. މިވާހަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސްޕްރީމް ކޯޓުން އަމުރެއް ނެރުމަކީ އޭގެޒާތުގައި މައްސަލައެއް ނޫންކަމަށެވެ. ސްޕްރީމް ކޯޓުން ނެރޭ އަމުރެއްގައި މުއިއްޒު ވިދާޅުވާ ފަދަ "އިންކޮންސިސްޓެންސީ" އެއް ވާނަމަ، އެކަން ޗެލެންޖު ކުރެވުމުން އެ އަމުރު މުރާޖަޢާކުރުމުގެ ބާރުލިބިގެންވަނީ ހަމަ އެކޯޓަށްކަމަށެވެ. އެގޮތުގެ މަތިން އެ އަމުރު މުރާޖަޢާ ކުރެވިފައި ވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް، އެ އަމުރުނެރުމުގައި ބައެއް ފަނޑިޔާރުން ޖިނާއީ ޒިންމާ އުފުލަންޖެހޭ ފަދަ ކަމަކަށް އަރައިގެންފައިވާނަމަ، އޭގެ ޒިންމާ އުފުލަންޖެހޭނީ ހަމަ އެ ފަނޑިޔާރުން!
– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށްވެސް ކަނޑައެޅިއެވެ.