އިންޑިއާ މެދުވެރިކޮށް ނެގި ބޮޑު ލޯނެއް ދެއްކުން ފަސްކޮށްދޭން އެދިއްޖެ

އިންޑިއާ މެދުވެރިކޮށް ނެގި ބޮޑު ލޯނެއް ދެއްކުން ފަސްކޮށްދޭން އެދިއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނެގި 200 މިލިއަން ޑޮލަރުގެ ލޯންގެ ތެރެއިން 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ވެރިކަމަށް އައިސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު ދައްކާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މި 200 މިލިއަން ޑޮލަރު މިދިޔަ އަހަރާ ހަމައަށް ރޯލް އޯވާ (ފަސްކޮށް ދެމުން) އައީ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ވަނީ މީގެ އެއްބައި ދައްކާފައި. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ވާނީ އެދިފަ،" ޒަމީރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މި ލޯނަކީ ބޮންޑެއް ވިއްކައިގެން ހޯދި ލޯނެކެވެ. މި ބޮންޑް ގަތީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިންނެވެ. މި ބޮންޑުގެ 50 މިލިއަން ޑޮލަރު ދެއްކީ މި އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހު އެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަލާސް ކުރަން ޖެހެއެވެ. މި ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު މި މަހުގެ ތެރޭގައި ދައްކަން ޖެހޭ ކަން ވެސް އެނގިފައިވެއެވެ.

ޒަމީރު ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ލޯން ފަސްކޮށްދިނުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ މަޝްވަރާ ކުރެއްވިއެވެ. ޒަމީރު ވިދާޅުވި ގޮތުގައި ޖައިޝަންކަރު ވަނީ ރާއްޖޭގެ ބޭނުންތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މި ބޮންޑު ރޯލް އޯވާކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް އިންޑިއާއިން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިންޑިއާއިން ބަލާނެ މިއީ ކުރެވިދާނެ ކަމެއްތޯ. އިންޑިއާ މިނިސްޓަރު ވިދާޅުވި ރާއްޖޭގެ ބޭނުންތަކަށް ކޮށްދެއްވާފައި ބޭނުންވާ ކަންކަން ހަމަޖައްސައިދެއްވާނެ ކަމަށް،" ޒަމީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *