މި ސަރުކާރުގެ 3 ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ވެރިންނަށް ބަދަބަސް ބުނުމުގެ ސަބަބުން އެކަން ކުރި މީހުންނާމެދު އެކަށިގެންވާ ފިޔަވަޅު ދިވެހި ސަރުކާރުން އަޅާފައިވާކަމަށާއި، އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދޭކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިމަހު 8 އިން 10 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އިންޑިއާގެ ޓީވީ ޗެނަލެއް ކަމުގައިވާ "އޭއެންއައި"އަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ، އިންޑިއާއާ މެދު އިހާނެތިކޮށް ވާހަކަ ދެއްކުމުގައި ދިވެހި ސަރުކާރުގެ ސްޓޭންޑަކީ އެކަން ކޮށްގެން ނުވާނެކަން ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ތިޔަ ވިދާޅުވި ފަދައިން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާކަމަށްވަންޏާ، އަޅުގަނޑުމެން ދެންނެވިން އެއީ ސަރުކާރުގެ ސްޓޭންޑެއް ނޫނޭ، ނޫނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެކަން ކޮށްގެން ނުވާނެއޭ. މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން މިގެންދަނީ. ސޯޝަލް މީޑިއާގައި ވަނީ އޮޅުމެއް އަރާފަ. ދިވެހިރާއްޖެއާއި އިންޑިޔާގެ ސަރުކާރަށް މިކަން ހިނގި ގޮތް ވިސްނި، މިހާރު އަޅުގަނޑުމެން އެ މަރުހަލާ ފަހަނައަޅައިފިން.
އިންޑިއާގެ "އޭއެންއައި" ޗެނަލްއާއި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި އިންޑިއާގެ ލީޑަރުންނާއި އެގައުމާމެދު އިހާނެތި ކޮށް ވާހަކަ ދައްކަމުންދާކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައިފައިވާ ކަމަށާއި، މި ޚިޔާލުތަކަކީ ޚިޔާލުފާޅުކުރާ ފަރާތްތަކުން އަމިއްލަ ޚިޔާލުތަކެއް ކަމަށް ދިވެހި ސަރުކާރުން އޭރު ވަނީ ބުނެފައެވެ. އަދި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި ޕޯސްޓްކުރި ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކޮށްފައި ވެއެވެ.
ދާދިފަހުން ސަރުކާރުގެ ތަރުޖަމާން ވިދާޅުވެފައިވަނީ އެ ތިޖް ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިބީ ސަސްޕެންޝަންގައި ކަމުގައެވެ. އެ ތިން ޑެޕިއުޓީ މިނިސްޓަރުންނަކީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު