ދެ މެންބަރުންނަށް ކޯވިޑް-19 ޖެހުމުން އިޓަލީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް މެދުކަނޑައިލައިފިއެވެ. އިޓަލީވިލާތުގެ ސަރުކާރު ހިންގުމުގައި ބައިވެރިވާ ފައިސް ސްޓާ މޫވްމަންޓަށް ނިސްބަތްވާ ދެ މެންބަރުންވަނީ ކޯވިޑް-19 ޖެހުމުގެ ސަބަބުން އެކަހެރިވެވަޑައިގެންފައިވާކަމަށް މީސްމީޑިޔާގައި އިޢުލާނުކުރައްވާފައެވެ.
ކޯވިޑް-19 ޖެހިފައިވާ ދެވަނަ މެންބަރު، ފްރާންސެސްކީ މޮލާމޭ ވިދާޅުވީ ހުމުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރުމުން ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު ބޭއްވި ފައިވް ސްޓާ މޫވްމަންޓުގެ ބައްދަލުވުމުގައި އޭނާ ބައިވެރިވަޑައިގެންފައިނުވާކަމަށެވެ. ނޭވާލުމުގައި ދަތިތަކެއް މިހާރު އެބަހުރިކަމަށާއި މިހާރު ގޯސްވެފައިވާ މިންވަރަށް އޭނާގެ ޞިއްޙީ ޙާލަތު މީގެ ކުރިން ގޯސްވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19އަކީ ވަރަށް ވޭންހުރި ބައްޔެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިޓަލީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ތިއްބަވާ 319 މެންބަރުންގެ ތެރެއިން 95 މެންބަރުން ނިސްބަތްވެވަޑައިގަންނަވަނީ ފައިވް ސްޓާ މޫވްމަންޓަށެވެ. ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި އެންމެ ގިނައީ އެ ޕާޓީއަށް ނިސްބަތްވާ މެންބަރުންނެވެ. އެ މަޖިލީހުގައި އިންނަވާ ދެ މެންބަރުންނަށް ކޯވިޑް-19 ޖެހިފައިވާވަނީ ޔޫރަޕިއަން ރިކަވަރީ ފަންޑުން އެ ޤައުމަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާމެދު މުހިންމު ބަހުޘްތައް ކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ.