ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތު ނޫން ކަމަށާއި މި ހައްގު ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްވާފައިވާކަމަށް ކަމަށްމަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ވަޒީރު ވިދާޅުވީ، ސަރުކާރުން ގަބޫލު ކުރާގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސަކީ، ސަލާމަތްތެރިކަމާއި އަދުލު އިންސާފާއި، ތަރައްގީ އަދި ހަމަހަމަކަމާއި އިންސާނީ ހައްގުތައް ވެސް ކަށަވަރުކޮށްދޭ އަސާސެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީ، ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް މިހާރު އޮތީ އަމަލީ މަސައްކަތާ ހަމައަށް ދިޔުމުގެ މަގުމަތީގައިކަމަށެވެ.
މިނިސްޓަރު ވަނީ ނޫސްވެރިންނަށް އިންޒާރުދީ ނުރައްކަލުގެތެރެއަށް ހުށަހެޅުމަކީ ކުޑަކޮށް ނަގާފައި ދޫކޮށްލާނެކަމެއް ނޫން ކަމަށާއި ފާޅުގައި އަދި ފޮރުވިގެން ތިބެ ވެސް ރާއްޖޭގެ ނޫސްވެރިކަމަށް އެފަދައިން ދެވޭ އިންޒާރުތައް ސީރިއަސް މައްސަލަ ތަކުގެ ގޮތުގައި ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެއިތުރުން، ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމާއި ތަމުރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނޫސްމަޖައްލާފަދަ ވަސީލަތްތައް ރަޖިސްޓްރީކުރުމަށް މިހާރު ވަރަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާކަމަށާއި ނޫސްމަޖައްލާ ރަޖިސްޓްރީކުރުން ވެސް ގިނަވެފައިވާކަމަށެވެ.