Ad
ޤާސިމްގެ މަރު: އަދުހަމްގެ މައްޗަށް އުފުލާ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ޤާސިމްގެ މަރު: އަދުހަމްގެ މައްޗަށް އުފުލާ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު

Author
މުޙައްމަދު ޖިމީ
09 އޮކްޓޯބަރ 2020 02:02
0

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުޙައްމަދުގެ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތަޢާވަލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަނަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެށް ބާއްވަފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި އަދުހަމް ވަނީ އޭނާއަށް ދައުލަތުން ހަމަޖައްސާދީފައިވާ ވަކީލުގެ ބަދަލުގައި އަމިއްލައަށް ވަކީލަކު ހަމަޖައްސަައިގެން ކުރިއަށްދިއުމަށް ބޭނުންވާކަމަށް ބުނެފައެވެ. އެދުވަހުގެ ޝަރީޢަތުގައި މިމައްސަލަ ބައްލަވާ ޤާޟީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އަދުހަމަށް ފަސްދުވަހުގެ މުއްދަތެއްދީފައެވެ. އަދި ވީއެންމެ އަވަހަކަށް އަޑުއެހުމެއް ބާއްވަނެކަމަށްވެސް އެދުވަހު ޤާޟީ ވިދާޅުވެފައިވެއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތަޢާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެދުނު 10:00އަށެވެ.

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުޙައްމަދު ވަނީ މިއަހަރުގެ ފެބުރުއަރީ މަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އެނާގެ ކުށަށް އިޢުތިރާފްވެފައެވެ. ނަމަވެސް އަދުހަމް އެތުހުމަތަށް އިޢުތިރާފްވެފައިވާތީ ކުރިރިއަށްގެންދިޔަ އަވަސް ނިޔާގެ ޝަރިޢަތުގެ ފަހުގެ އަޑުއެހުމުގައި އޭނާ ވަނީ ކުރިންވި އިއުތިރާފްތައް އަނބުރާ ގެންގޮސް ދައުވާތަކަށް އިންކާރުކޮށްފައެވެ. އެހެންކަމުން އަވަސް ނިޔާގެ ޝަރީޢަތުގެ މަރުހަލާ މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ޙަމަލާދީފައި ވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.