ވެރިކަން ހޯދަން ފެހި ޤާނޫނޫ އަސާސީ، ލިބުމުން، ބޭނުން ކުރަނީ ނޫ ޤާނޫނު އަސާސީ

ވެރިކަން ހޯދަން ފެހި ޤާނޫނޫ އަސާސީ، ލިބުމުން، ބޭނުން ކުރަނީ ނޫ ޤާނޫނު އަސާސީ

ގުޅުންހުރި

ދިވެހި ރާއްޖޭގައި މިއަދު ހިންގަމުންދާ ވެރިމުގެ ނިޒާމާއި، އަމަލުކުރަމުންދާ ޤާނޫނު އަސާސީއަކީ މިސަރަހައްދުގައި ވެސް އެންމެ ބޮޑަށް މިނިވަންކަމާއި، ބާރުތައް ރައްޔިތުންނަށް ދޫކޮށްފައިވާ ނިޒާމަކާއި، ޤާނޫނު އަސާސީއެކެވެ.2008 ގެ ކުރިން އަމަލު ކުރަމުންދިޔަ ރައްޔިތުންނާއި ބީރައްޓެހި ނޫ ޤާނޫނު އަސާސީ އުވާލައި ގެނައި ފެހި ޤާނޫނު އަސާސީއަކީ މިއަދު އެތައް ބަޔަކަށް ވެރިކަން ކުރުމުގެ ފުރުސަތު ލިބި އެތައް މިނިވަން މުއައްސަސާއެއް އުފެދި، ދައުލަތާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ލިބިގެންދިޔަ ފުރިހަމަ ނިޒާމެކެވެ.

ނަމަވެސް މިއަދު ވެރިކަން ކުރާ ނިޒާމުގެ ތެރެއިން ވެރިކަން ކުރާ ފަރާތުން ހިންގަމުންދަނީ ފެހި ޤާނޫނު އަސާސީގައި ބުނާ ގޮތަށްތޯ، ޤާނޫނު އަސާސީ އެކުލަވާލެއްވި އިރު އެންމެ އިސްދައުރެއް އަދާކުރެއްވި އިބްރާހިމް އިސްމާއިލް ވަނީ ސުވާލު އުފައްދަވާފައެވެ. ވެރިކަމަށް އައުމަށް ކޮންމެ ޕާޓީއަކުންވެސް އަދި ކޮންމެ ވެރިކަޔަކުވެސް ރައްޔިތުންގެ ކުރިމަތީގައި ވިއްކައި ހަދަނީ ފެހި ޤާނޫނު އަސާސީ ކަމަށާއި ނަމަވެސް ވެރިކަން ލިބުމުން އަމަލުކުރާތަން ފެންނަނީ އަނެއްކާވެސް ފެހި ޤާނޫނު އަސާސީއަށްކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

ފެހި ޤާނޫނު އަސާސީއަކީ ރައްޔިތުންނަށް އެތައް ބާރެއް ދޫކޮށް، ދައުލަތުގެ ތިންބާރު ވަކިކޮށް، އެއްބާރުން އަނެއްބާރުގެ ތެރެއަށް ނުވަދެވޭނެ ހެން އިންތަކާއި މިންތަކެއް ކަނޑައެޅިފައިވާ ޤާނޫނު އަސާސީއެެވެ. ނަމަވެސް މިއަދު ވެރިކަން ކުރަމުންދާ ފަރާތުންނާއި، ދައުލަތުގެ އެހެން ބާރުތަކުން އެއްބާރު އަނެއްބާރަށް ނުފޫޒު ފޯރުވައި، ވަކި ދިމާލަކަށް ހުރިހާ ކޮންޓްރޯލެއް ނަގާ މަންޒަރު ދަނީ ފެންނަމުންނެވެ.

ރައްޔިތުންނަށް ކަށަވަރު ކޮށްދޭ ހައްގުތަކުގެ ތެރެއިން މިނިވަންކަމާއިއެކު އަޑު އުފުލުމާއި، ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ކެމްޕެއިން ކުރުންފަދަ ކަންކަމަށް މިއަދު ވަނީ އަނެއްކާވެސް ހުރަސްތަކެއް ކުރިމަތިވެފައެވެ. ހަމަހަމަކަމާއިއެކު މިފުރުސަތު އެންމެނަަށް ލިބިގެން ނުދާއިރު، ސަރުކާރުން މިކަމުގެ ބޭނުންވެސް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގައި ޝަކުވާވަނީ އިތުރުވެ ބޮޑުވެފައެވެ.

ޤާނޫނުއަސާސީ މެދުވެރިކޮށް ރައްޔިތުން ޤާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ދިނީ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތަކެވެ. ޤާނޫނުއަސާސީގެ ހަ ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ދިނީ ވެރިކަން ހިންގުމުގެ ބާރެވެ. އަދި ޤާނޫނުއަސާސީގެ ހަތް ވަނަ މާއްދާއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ދީފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. މި ތިން ބާރަށް ލިބިގެންވާ ބާރުތައް ވަނީ ތިން ވަނަ ބާބު (ރައްޔިތުންގެ މަޖިލިސް) ހަތަރު ވަނަ ބާބު (ރައީސުލްޖުމްހޫރިއްޔާ) އަދި ހަ ވަނަ ބާބު (އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު) މި ތިން ބާބު ގައި ތަފްސީލުކޮށްފައެވެ. އަދި ޤާނޫނުއަސާސީގެ އަށް ވަނަ މާއްދާ ބުނަނީ މި ހުރިހާ ބާރުތައް ވެސް ހިންގަން ވާނީ ޤާނޫނުއަސާސީގައި ވާ ގޮތުގެ މަތިން ކަމަށެވެ. އެހެންކަމާ އެކު، ޤާނޫނުއަސާސީގައިވާ ގޮތް ނޫން ގޮތަށް ހިންގާ ކޮންމެ އަމަލެއް ވާނީ ޣައިރު ގާނޫނީ އަދި ބާތިލު އަމަލަކަށެވެ.

ރާއްޖެ އަށް ބަލާއިރު ޤާނޫނުއަސާސީން ދައުލަތުގެ ބާރުތަކަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ސުވާލު އުފެދޭ ގޮތަށް ކޮށްްފައިވާ ކަންތައްތަކުގެ ބައެއް މިސާލު އެބަ ހުއްޓެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން އިހުތިޔާރުކުރީ ދައުރު ކަނޑައެޅިފައިވާ ނިޒާމަކަށް ވީހިނދު، އަދި އިލެކްޝަންތައް ބާއްވާނެ ތާރީޚްތައް ކަނޑައަޅާފައިވީ ހިނދު، ރައްޔިތުންގެ މަޖްލީހުން ޤާނޫނުއަސާސީ އިސްލާހު ނުކޮށް، ކަނޑައަޅާފައިވާ ތާރީޚްތަކުގެ ބޭރުން 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ބާއްވާފައިވެއެވެ. އަދި 2008 ވަނަ އަހަރު ސިޔާސީ ޕާޓީގެ ނިޒާމް ރާއްޖެ އަށް ތައާރަފްވެ ޕާޓީން ރައްޔިތުންނަށް ވީ ވައުދުތަކާ އެކު ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން މަޖުބޫރު ވުމާ ގުޅިގެން، ވެރިކަމާ ހަވާލުވި އޭރުގެ ނައިބް ރައީސް ވެރިކަން ހިންގާފައިވަނީ ރައްޔިތުންގެ އަޣްލަބިއްޔަތު ނުލިބޭ ޕާޓީތަކާ އެކު ރައްޔިތުންގެ މެންޑޭޓެއް ނެތިއެވެ.

މިއަދު އަމަލުކުރަމުންދާ ޤާނޫނު އަސާސީ ތަސްދީޤް ކުރައްވާފައިވަނީ 7 އޮގަސްޓް 2008 ވަނަ ދުވަހުއެވެ. ޤާނޫނު އަސާސީ ތަސްދީޤްކުރައްވާފައިވަނީ ދަރުބާރުގޭގައި ބޭއްވުނު ބޮޑު ރަސްމިްޔާތެއްގައި އޭރުގެ ރައިސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ