ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިނގިރޭސި ރައްޔިތަކުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ އިނގިރޭސި ރައްޔިތެއްކަމުގައިވާ އުމުރުން 53 އަހަރުގެ މާރސެލް ރޮނަލްޑް ފެލޯސްއެވެ. އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އޭނާގެ ލަގެޖުން ފެނިފައިވަނީ 7 ކިލޯގެ މަސްތުވާތަކެއްޗެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި އެތެރެކުރުން / ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ކުރި އަމުރުގައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނަ ކަމަށެވެ. އަދި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މައްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރު އަދި 4 ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ބަންދު އަމުރުގައި ވާގޮތުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ފަނޑިޔާރު މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ ބައްދަލުވުން ބާއްވާ ދުވަހު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބަލައި، އެކަމާމެދު އަލުން ގޮތެއް ނިންމަންޖެހޭނެއެވެ.
ކޯޓުގައި އޭނާގެ ވަކީލު ވިދާޅުވެފައިވަނީ ދައުލަތާއެކު އޭނާ އިއުތުރާފްގެ އެއްބަސްވުމެއް ހަދަން ބޭނުންވާތީ އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމުގައެވެ.