ޑްރޯންގެ މައުލޫމާތު ދޭ 241 ކޮމިޓީ ސިއްރު ކުރަން ނިންމައިފި

ޑްރޯންގެ މައުލޫމާތު ދޭ 241 ކޮމިޓީ ސިއްރު ކުރަން ނިންމައިފި

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ސަރުކާރުން ގަތް އަސްކަރީ ޑްރޯންތަކަށް ދިޔަ ހަރަދުގެ މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް ހާޒިރުކޮށްގެން ބާއްވާ ކޮމިޓީ ސިއްރު ކޮށްފިއެވެ.

ކޮމިޓީ ސިއްރު ކޮށްފައިވަނީ އެ ކޮމިޓީ ސިއްރުކޮށްދޭން ޑިފެންސް މިނިސްޓްރީން އެދުމާއި ގުޅިގެންނެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ފޮނުވި ސިއްރު ސިޓީއެއް ވަނީ ކޮމިޓީގެ މެންބަރުންނަށް ހުށަހަޅާފައެވެ. ޑިފެންސް މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ، ޑްރޯންތަކުގެ މަރުކާ އަދި އުފެއްދި ކުންފުނީގެ ނަން އޮތް ނަމަވެސް އިތުރު މައުލޫމާތު ދެވޭނީ ކޮމިޓީގެ ސިއްރު ކުރުމުން ކަމުގައެވެ.

ސިޓީގައި ވާގޮތުން ސިއްރު ބައްދަލުވުމުގައިވެސް ފޯރުކޮށްދެވޭނެ މައުލޫމާތުގެ ތެރޭގައި ޑްރޯންތައް ގަތް އަގުވެސް ހިމެނެއެވެ. ކޮމިޓީގެ މުގައްރިރު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޢަފޫރު މޫސާ ވިދާޅުވީ ސިޓީގައިވާ މައުލޫމާތު ތަކަކީ ޕަބްލިކް ޑޮމައިންގައި ލިބެންހުރި މައުލޫމާތުތަކެކެވެ.

ޑިފެންސް މިނިސްޓަރާއި އަދި ޑިފެންސް މިނިސްޓްރީން މަޖިލިހަށް ފޮނުވި ސިޓީގައި އެދިފައިވާ ގޮތަށް މި މައްސަލާގައި ދެން ބާއްވާ ބައްދަލުވުން ސިއްރުކުރަން ހުށަހެޅީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކކުރެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ. އެ ހުށަހެޅުން ފާސްވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެފައިވާ ތިން ޑްރޯންތަކާ ގުޅޭ އެއްބަސްވުން ހާމަނުކުރަނީ ގައުމީ ސަލާމަތާ ގުޅިފައި އޮތް ކަމަކަށްވީމަ ކަމަށާއި އެކަމުގެ ލަފާ އެގޮތަށް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"މިހާރު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަސްކަރީ ޑްރޯންތަކަކީ ގައުމީ ސަލާމަތާ ސީދާ ގުޅުން އޮތް، ގައުމުގެ އަސްކަރީ މައުލޫމާތެއް ކަމެއް ކަމަށާއި އެފަދަ މައުލޫމާތުތަކަކީ އެއްވެސް ގައުމަކުން އެއްކޮށް އާންމުކޮށް ހާމަކުރާ މައުލޫމާތެއް ނޫން ކަމަށެވެ.

"މީޑިއާތަކުން އެކި އަދަދު އެބަ ކިޔާ ޑްރޯންތަކުގެ. އަޅުގަނޑަށް އެމްއެންޑީއެފް އިން ޗީފް އޮފް ޑިފެންސް ފޯސް، މިނިސްޓަރު ވެސް އަދި ދެން ތިއްބެވި ޖެނަރަލުން ވެސް ދެއްވި ލަފައަކީ އަޅުގަނޑުމެން ޑްރޯންތަކުގެ އަދަދު ވެސް ރަސްމީކޮށް އެއްވެސް ފަރާތަކަށް ދަންނަވައި އެނގިގެން ނުވާނެއޭ. އެއްވެސް ގައުމެއްގެ މިލިޓަރީ އާލަތްތަކުގެ އަދަދާއި އޭގެ ތަފުސީލް އެއްކޮށް އެނގުނަކަ ނުދޭނެ، އެއީ ހަމަ ގައުމީ ސަލާމަތަށްޓަކައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ ގައުމީ ސަލާމަތާ ގުޅިފައި އޮތް ކަމެއް ވީމާ އެ ތަފްސީލްުއަޅުގަނޑުމެން ހާމަނުކުރަނީ."

ޑްރޯންތައް ގަތުމުގައި ބޮޑު ބައެއް ލިބުނީ ހިލޭ ކަމަށް ހާމަކުރެއްވީ އޭގެ އަގު ބޮޑު ވާހަކަ ބައެއް މީހުން ދައްކާނެތީ ކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްދު ކުރަނީ އެ ވަރަށް އެކަން ދަންނަވަން. އެއީ އެއްގޮތަކަށް ވެސް ކަންކަން ހާމަ ނުކުރުމެއް ނޫން. އަޅުގަނޑަކީ ގައިމު ވެސް އެއްވެސް ކަމެއް ފޮރުވަން ގަސްދު ކުރާ މީހެއް ނޫން، ނުފޮރުވާނަން. އެކަމަކު ގައުމުގެ މިނިވަން ކަމަކީ އެންމެންނަށް ވެސް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

ޑްރޯން ގަތުމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރާ ނަމަ، އެ މައްސަލައެއް ހުށަޙެޅުމުގެ ހައްގާއި ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި އެ މަގުން ކުރިއަށް ދެވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ކޮރަޕްޝަންގެ އަމަލެއް ހިންގާނެ ސަރުކާރެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *