ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 18 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. މިމައްސަލާގައި ހައްޔަރު ކުރީ ޅ. ކުރެންދޫ ޒުވާނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުން ކޯޓުންވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
ކޯޓުގައި ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ހިމެނޭ ކޮތަޅު ޒުވާނާގެ އަތަށް ދިން މަންޒަރު ފުލުހުންނަށް ފެނުނު ކަމަށާއި، އަދި ފުލުހުން އޭނާ ހުއްޓުވުމުން އަތުގައި އޮތް ކޮތަޅު މަގުމައްޗަށް އެއްލާލާފައިވާ ކަމަށެވެ. އެއްލާލިތަން ފުލުހުންނަށް ފެނުނުކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ މަގުމަށްޗަށް އެއްލާލި ކޮތަޅުގައި 1050 ބަރުދަނުގެ މަސްތުވާތަކެތި ހުރިކަމުގައެވެ.
ހައްޔަރު ކިުރި ޒުވާނާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމުން ވަނީ ޓީއެޗްސީއަށް ޕޮޒިޓިވްވެފައެވެ. ޒުވާނާގެ ބަންދު އަމުރުގައި ވާގޮތުން އޭނާއާއި ދެކޮޅަށް ވަނީ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވާކަމަށް ބުނެފައެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރުމަށް ގެންގުޅުނު މަސްތުވާތަކެތިކަމަށް ބެލެވޭނީ މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނަ ކެނަބިސް ނުވަތަ ހަތަރު ގްރާމަށް ވުރެ ގިނަ ޑައިމޯފިންގެ ބާވަތެއް ފެނިއްޖެ ނަމައެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. އެއީ 25 އަހަރުދުވަހުގެ ޖަލު ހުކުމެކެވެ.