މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފި

މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފި

Author
ހުސެއިން
27 އޭޕްރިލް 2024 09:04
0

މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ދަ ޑިމޮކްރެޓްސްއިން އިލްތިމާސް ކޮށްފިއެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ވަގުތީގޮތުން ގާއިމުކޮށްފައިވާ ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލް ކުށްލިގޮތަކަށް އެތަނުން ބަދަލުކުރުމަށް ނިންމުމާގުޅިގެން، ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިލް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުން އެ ދަރިވަރުން ފާޅުކުރަމުންގެންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމުގައެވެ.

އެގޮތުން، ތައުލީމު ހާސިލުކުރުމުގައި ބޮޑެތި ދަތިތަކާއި ހުރަސްތައް ދަރިވަރުންނަށް ކުރިމަތިވިޔަ ނުދިނުމަކީ ކަމާބެހޭ އެންމެހާ ފަރާތްތަކުން އަބަދުވެސް ސަމާލުވާންޖެހޭކަމެއްކަމަސް ފާހަގަކުރަމުން އެޕާޓީން ބުނެފައިވަނީ، ދަރިވަރުންނާ ގުޅޭ ކަންކަން އިންތިޒާމުކޮށް، ވަސީލަތްތައް ގާއިމުކޮށްދިނުން މަތިކޮށްފައިވާ ފަރާތްތަކުން އެކަންކަން މެދުކެނޑުމެއް ނެތި ކަށަވަރުކޮށްދިނުމަކީ އިންތިހާއަށް މުހިއްމުކަމެއް ކަމުގައެވެ.

އެގޮތުން ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބްތަކުގެ ހިދުމަތްތަކާއި އަދި ހޮސްޕިޓަލުން ހާސިލުކުރުމަށް ކަނޑައެޅިފައިވާ އަމަލީ ތަޖުރިބާތައް ހާސިލުކުރުމަށް އެއްވެސް ދަތިކަމެއް ނާންނާނޭހެން އިންތިޒާމްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ދަ ޑިމޮކްރެޓްސް އިން އިލްތިމާސްކޮށްފައި ވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިސިން ސްކޫލުގެ ކްލާސްތައް މައި ކެމްޕަހަށް ބަދަލުކުރަން ނިންމިނަމަވެސް، މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް އެއްވެސް ގޮންޖެހުމެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން އެ ޔުނިވާސިޓީން ދީފައި ވެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 8 ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާ 10 އަހަރަށް ހިންގުމަށް ކުއްޔަށް ދިނުމަށް އެމްއެންޔޫ އާއި އައިޖީއެމްއެޗުން އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށްފައިވާ ކަމަށް ބުނެ އެއްބަސްވުން އުވާލާފަ އެވެ.
އޭގެ ފަހުން އެމްއެންޔޫއިން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ކެމްޕަސް ވަސީލަތްތައް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެމްއެންޔޫއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ތަން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ޔުނިވާސިޓީން އަބަދުވެސް ސަމާލުކަން ދޭނީ ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާއަށް ބުރޫނާރާނެ ގޮތަކަށް ކަމަށެވެ.
އެމްއެންޔޫގެ ބަޔާނުގައި ބުނެފައިވަނީ،  މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކްލާސްތަކަށް ނުވަތަ ޕްރެކްޓިކަލް ލެބްގެ ހިދުމަތަށް ބުރޫނާރާ ގޮތަށް ޔުނިވާސިޓީގެ މައި ކެމްޕަހުގައި ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، އަދި ދަރުމަވަންތަ ހޮސްޕިޓަލުން ދަރިވަރުންނަށް އަމަލީ އެހީތެރިކަން ލިބެމުންދާނެ ކަމަށެވެ.
ހަމައެއާއެކު ހުޅުމާލޭގައި މެޑިކަލް ސްކޫލް ކެމްޕަސް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން އެމްއެންޔޫއާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޔޫއިން ބުނެފައި ވެއެވެެ.
އެޔުނިވާސިޓީން ބުނީ މެޑިސިން ސްކޫލުގެ ވަސީލަތްތައް މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެތީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.