ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރި ކެންޑިޑޭޓް ފަރުހަތު މުހައްމަދުގެ ޖަގަހައިގައި އަލިފާން ރޯކޮށްލި މީހާ ފުރަން އެއަރޕޯޓުގައި ހުއްޓާ ހައްޔަރު ކޮށްފިއެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައިވަނީ ހދ. ކުޅުދުއްފުށި/ ހީނާމާގެ، އަންވަރު މުހައްމަދު (31އ) ހައްޔަރު ކޮށްފައިވަނީ ފިލަން އެއަރޕޯޓަށް ގޮސް ހުއްޓައި ކަމުގައެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.
މީނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރިއިރު އެހެން ރަށަކަށް ގޮސް ފަރުވާ ހޯދި ކަމަށާއި ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުންވެސް ހާޒިރުނުވާ ކަމަށާއި މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން ގޮސް ހުއްޓައި ހައްޔަރުކުރެވިފައިވާ ކަމަށް އައިއޯ ބުނެފައިވޭ.
ކޯޓު އަމުރުގައި ބުންޏެވެ.
އެހެންނަމަވެސް އަންވަރު ކޯޓުގައި ބުނެފައިވަނީ އޭނާ ފުރަން ދިޔައީ ފިލަން ނޫންކަމަށާއި، ފުރަން އުޅުނީ އޭނާގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ކަމުގައެވެ. އަދި އޭނާ ބުނެފައިވަނީ ޗިޓާއި އޭނާ ހަވާލު ނުވިނަމަވެސް ޗިޓާއި އޭނާގެ ކޮއްކޮ ހަވާލުވެފައި ވާކަމުގައެވެ.
އަންވަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ހެކިހުރިކަމަށް ނިންމާ ކޯޓުންވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާދީފައެވެ.
ކޮމެންޓު ފޮނުވާ