ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރިއިރު، ކުރީގެ ރައީސް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީއަށް ލިބުނީ އިންތިޚާބުގައި ވޯޓުލީ މީހުން %2 ވޯޓުކަން ހާމަ ވެއްޖެއެވެ. އެއީ ޖުމްލަ 4،634 ވޯޓެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރައީސް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީން ވާދަކުރި 39 ކެނޑިޑޭޓުންނަށްވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
ޑިމޮކްރެޓްސްގެ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ރައީސް ނަޝީދުވެސް ވަނީ މާލެ ވަޑައިގެން އެޕާޓީގެ ކެނޑިޑޭޓުންނަށް ކެމްޕޭންވެސް ކޮށްދީފައެވެ. ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުވިއިރު، އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި ދިގުމުއްދަތެއް ހޭދަ ކުރެއްވި މެމްބަރުންވެސް ހިމެނެއެވެ.
އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީވެސް ހިމެނެއެވެ.
މި އިންތިޚާބުގައި ގިނަ ގިނަ ގޮނޑިތައް ކާމިޔާބުކޮށް ވެރިކަން ކުރާ ޕީއެންސީން ވަނީ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ކަށަވަރު ކޮށްފައެވެ. އެގޮތުން މުޅި ފުވައްމުލަށް ސިޓީއާއި ކުޅުދުއްފުށީ ސިޓީއާއި މާލޭ ސިޓީގެ 3 ގޮނޑި ފިޔަވާ އެހެން ހުރިހާ ގޮނޑިތަކެއްވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ.
ޑިމޮކްރެޓްސްއަށް ކެމްޕޭން ކޮށްދިނުމަށް މާލެ ވަޑައިގެން ބޭއްވި ކެމްޕޭން އިވެންޓުތަކުގައި ނަޝީދު ބޮޑަށް އިސްކަން ދެއްވާފައިވަނީ އެމްޑީޕީއާއި ދެކޮޅަށް ކެމްޕޭން ކުރުމަށެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގައިވެސް ޑިމޮކްރެޓްސް ޕާޓީންވަނީ ރިޔާސީ ކެނޑިޑޭޓަކު ނެރެފައެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ލިބުނީ ފަނަރަހާހެއްހާ ވޯޓެވެ.