ލިވަޕޫލުން ހޯދީ ބޮޑު މޮޅާއެކު އެންމެ ކުރީގައި ފަސްޕޮއިންޓުގެ ލީޑެއް

ލިވަޕޫލުން ހޯދީ ބޮޑު މޮޅާއެކު އެންމެ ކުރީގައި ފަސްޕޮއިންޓުގެ ލީޑެއް

އިނގިރޭސި ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓެލް ޕެލެސް ބަލިކޮށް ލިވަޕޫލްއިން އެއްވަނައިގައި ލީޑް ފުޅާކޮށްފިއެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނިޔޯ ދެ ލަނޑު ކާމިޔާބު ކުރިއިރު އެޓީމުގެ މުޙައްމަދު ސަލާހް ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން ލިވަޕޫލަށް ލަނޑުޖަހައިދިނީ ޓަކުމީ މިނަމީނޯ އާއި ސާދިއޯ މާނޭގެ އިތުރުން ކެޕްޓަން ޖޯޑަން ހެންޑެސަންއެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖެހި މިނަމީނޯ ވެފައިވަނީ އިނގިރޭސި ލީގުގައި ލަނޑުޖެހި ޖަޕާނުގެ ހަތްވަނަ ކުޅުންތެރިޔާއަށެވެ. މިނަމީނޯ މިލަނޑު ލިވަޕޫލަށް ޖަހައިދިނީ މެޗުގެ ފުރަތަމަ 125 ސިކުންތެރޭގައިއެވެ. މިއީ 2014 ވަނަ އަހަރު ރިކީ ލަންބާޓް ލިވަޕޫލަށް 90 ވަނަ ސިކުންތުގައި ލަނޑެއް ޖެހިފަހުން ލިވަޕޫލުން ރަށުން ބޭރުގައި ޖެހި އެންމެ އަވަސްލަނޑެވެ. ރޭގެ މެޗުގެ ދެވަނަ ލަނޑުޖެހި މާނޭ ވަނީ އެންމެފަހުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު ހަތްމެޗުގައި ވެސް ލަނޑުޖަހާފައެވެ.

މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިން ފްރިމީނިޔޯ ލިވަޕޫލަށް ކުޅުނު ހަމެޗުގައި ލަނޑު ނުޖެހެމަށްފަހު އޭނާ ވަނީ އެންމެފަހުން ކުޅުނު ދެމެޗުގައި ތިންލަނޑު ޖަހާފައެވެ. ރޭގެ މެޗުގައި ތިންވަނަ ލަނޑުޖަހަން އެހީވި ރޮބާޓްސަން ވަނީ ލީގުގައި 28 ލަނޑުޖަހަން އެހީތެރިވެފައެވެ. މިއީ ސިޓީގެ ކެވިން ދި ބްރޭނާ ލަނޑުޖަހަން އެހީވި އަދަދާ އެއްވަރު އަދަދެކެވެ.

ރޭގެ މެޗުގައި ފަހު ދެލަނޑުޖެހި މުހައްމަދު ސަލާހާއި ފްރިމީނޯއާ ދެކުޅުންތެރިން އެކުގައި ލީގުގައި 17 ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދީފައި ވެއެވެ. މިއީ 2019 ވަނަ އަހަރަށްފަހު ސަލާހް، މާނޭ އަދި ފްރިމީނިޔޯ މި ތިން ކުޅުންތެރިން ލަނޑުޖެހި ފުރަތަމަ މެޗެވެ. މި ތިން ކުޅުންތެރިން އެކުވެގެން މިހާތަނަށް ލިވަޕޫލަށް ވަނީ 280 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މިއީ ޕެލެސްގެ ތާރީހުގައި ހަތް ލަނޑުން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މިއީ 1989 އަހަރުގެ ފަހުން ލިވަޕޫލްއިން ރަށުން ބޭރުގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ރޭގަ ހޯދި މޮޅާއެކު ލިވަޕޫލްގެ ކޯޗު ވަނީ 127 މެޗުން މޮޅުވެ އެންމެ ގިނަމެޗުން މޮޅުވުމުގެ ރެކޯޑް ހަދާފައިވާ ކުރީ ކޯޗު ރަފޭލް ބެނިޓޭޒް ފަހަތައް ޖައްސާލާފައެވެ. މި މޮޅާއެކު ލިވަޕޫލުން ވަނީ ލީގުގެ ތާވަލުގެ އެއްވަނައިގަ ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ލިވަޕޫލް މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

ރޭ މެންޗެސްޓަރ ސިޓީ ވަނީ ރަށުން ބޭރުގައި ސައުތުހެމްޓަން ބަލިކޮށް ގަދަ ހަތަރަކާ ގާތަށް ޖެހިލާފައެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ ވަރަށް ކުރީ ކޮޅު ސިޓީއަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗުން ހޯދި ތިން ޕޮއިންޓާއެކު ސިޓީ މިވަގުތު ތާވަލުގެ 6 ވަނައިގަ އޮތީ 13 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *