ޕާޓީ ބަދަލުކުރާ މަޖިލިސް މެމްބަރުން ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފި މެމްބަރުންކަމުން އިސްތިއުފާ ދޭންޖެހޭގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.
ހަސަން ލަތީފް ހުށަހަޅުއްވި އިސްލާހުގައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އޭގެ އިތުުރުން ރައްޔިތުންގެ މަޖިލީހަށް އަމިއްލަގޮތުން އިންތިޚާބުވާ މެމްބަރަކުވެސް ޕާޓީއަކާއި ގުޅިއްޖެނަމަ ގޮނޑި ގެއްލޭނެކަމަށް މިއިސްލާހުގައި ބުނެފައި ވެއެވެ.
ހަމައެއާއެކު މިއިސްލާހުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީއަކުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ އިންތިހާބުވި ދައުރުގެ ތެރޭގައި ޕާޓީގެ މެމްބަރުކަމުން ވަކިކުރުމުންވެސް ގޮނޑި ގެއްލޭނެ އެވެ.
އަދި ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި ޕާޓީއަކުން އިންތިހާބުވެފައިވާ މެމްބަރެއް ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުން ފިޔަވައި އެނޫން ސަބަބަކާހުރެ ޕާޓީގެ މެމްބަރުކަމުން ވަކިކުރާ ހާލަތުގައި އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތުން އޭނާ މަގާމުން ވަކިކުރަން ނިންމުމުންވެސް ހިމެނެއެވެ.
އެގެ އިތުރުން އިތުރުން، މެމްބަރަކު މަގާމުން ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި ނެގޭ އާއްމު ވޯޓުގައި މެމްބަރު ވަކިކުރަން އަގުލަބިއްޔަތުން ނިންމައިފި ނަމަވެސް މެމްބަރުގެ ގޮނޑި ގެއްލޭނެ ކަމަށް އިސްލާހުގައިވެ އެވެ.