މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރައީސް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީން ވާދަކުރި 39 ކެނޑިޑޭޓުންނަށްވެސް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.
ޑިމޮކްރެޓްސްގެ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ރައީސް ނަޝީދުވެސް ވަނީ މާލެ ވަޑައިގެން ވަނީ އެޕާޓީގެ ކެނޑިޑޭޓުންނަށް ކެމްޕޭންވެސް ކޮށްދީފައެވެ. ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުވިއިރު، އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި ދިގުމުއްދަތެއް ހޭދަ ކުރެއްވި މެމްބަރުންވެސް ހިމެނެއެވެ.
އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީވެސް ހިމެނެއެވެ.
މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގިނަ ގިނަ ގޮނޑިތައް ކާމިޔާބުކޮށް ވެރިކަން ކުރާ ޕީއެންސީން މަޖިލިހުގެ ސުޕަރ މެޖޯރިޓީ ކަށަވަރު ކޮށްފާނެކަމަށް ނަތީޖާއިން ދައްކާއިރު ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީކަމަށްވާ ފުވައްމުލަކުގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ވަނީ ކާމިޔާބު ކޮށްފައެވެ.
މިހާރު އިއުލާން ކުރަމުންދާ ނަތީޖާއިން ދައްކާ ގޮތުގައި މާލޭގެވެސް އެންމެ ދެގޮނޑި ފިޔަވާ އެހެން ހުރިހާ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކުރާނެކަމަށް ވަނީ ދައްކާފައެވެ.
އެގޮތުން މިހާރު ދައްކާ ގޮތުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50އަށްވުރެ ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑިއެވެ.
މިހާރު ބެލެވޭގޮތުގައި މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ ގިނަ މެމްބަރުންނަށް ގޮނޑި ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމްއާއި ރައީސް ސާލިހުގެ އަމިއްލަފުޅު ރަށް ނިސްބަތްވާ ހިންނަވަރު ދާއިރާގެ މެމްބަރުން ޖީހާންވެސް ހިމެނިވަޑައިގެންނަވައެވެ. އަދި ޕީއެންސީން ވަނީ ބޮޑެތި ހުރިހާ ސިޓީތަކުންވެސް މެޖޯރިޓީ ހޯދާފައެވެ.