ޔާމިންގެ ހިސާބުން ސަރުކާރަށް ފުދޭވަރެއްގެ އަދަދަކަށް ގޮނޑި ލިބޭ

ޔާމިންގެ ހިސާބުން ސަރުކާރަށް ފުދޭވަރެއްގެ އަދަދަކަށް ގޮނޑި ލިބޭ

Author
ހުސައިން
21 އޭޕްރިލް 2024 06:05
0

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އެކަށީގެންވާ އަދަދަކަށް ގޮނޑި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވޯޓުލެއްވުމަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިންތިހާބުތަކުގައި ސަރުކާރުގައި ތިބޭ ބަޔަކަށް އެޑްވާންޓޭޖުތަކެއް ހުންނާނެ ކަމަށާއި އެއީ ވަޒީފާ އުފެއްދުމާއި ޕްރޮޖެކްޓްތަކުގެ ސިފައިގައި މަޝްރޫއުތައް ފެށުމާއި ފައިސާ ދިނުން ފަދަ ކަންކަން ހުންނާނެ ކަމަށެވެ.

މިކަހަލަ ވަރަށް ގިނަ ވަސީލަތްތައް ސަރުކާރަކަށް ފަސޭހަ ވާނެ ދެއްތޯ. އެހެންވީމާ އިންތިޒާރު ކުރެވޭ ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ނެގޭނެ ކަމަށް.

ޔާމީން ވިދާޅުވި އެވެ.

ސަރުކާރަށް މެޖޯރިޓީ ނުލިބިއްޖެނަމަ އެއީ މައްސަލައަކަށް ވާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ކޮންމެހެން ސަރުކާރަށް މަޖިލީހުން އެކަށީގެންވާ އަދަދަކަށް ގޮނޑި ލިބެން ނުޖެހޭ ކަމަށެވެ. މަޖިލީހާއި ސަރުކާރުން ކުރަނީ ތަފާތު ދެ މަސައްކަތެއް ކަމަށާއި މެޖޯރިޓީ ކޮންމެ ބަޔަކަށް ލިބުނަސް ސަރުކާރަށް އުނދަގޫ ކުރުން ލާޒިމު ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަ ގޮތަކަށް ކުރާ މަސައްކަތަކީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކުރާ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު މެންދުރު 3 ޖެހުމާ ހަމައަށް 160،158 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 56 ޕަސެންޓް މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.