މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވޯޓުލުން ފެށިގެން ކުރިޔަށްދާއިރު، އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިޔަށްދަނީ އަމާންކަމާއެކު ކަމަށް ކަމާއި ގުޅުންހުރި މުވައްސަސާތަކުން ބުނެފިއެވެ.
މިއަދު ބޭއްވޭ އިންތިޚާބުގައި ވޯޓުލުމަށް ވަރަށް ހެނދުނާ ގިނަ ސަރަހައްދުތަކުގައި ވަނީ ކިއު ހަދާފައެވެ.
މިއަދު ބޭއްވޭ މިއިންތިޚާބުގައި ވޯޓުލުމަށްޓަކާ ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ރޭވަނީ ވިދާޅުވެފައެވެ.
އީސީގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވާދު ތައުފީގު ވިދާޅުވީ ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައި ކަމަށާއި ވޯޓު ފޮށިތައް ބަންދު ކުރާނީ ހަވީރު 5:30ގައި ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ވޯޓުލާގަޑި އިތުރު ނުކުރާނެ ކަމުގައެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް ގަޑިޖެހޭއިރު ކިއުގައި ތިބޭ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމުގައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ވޯޓު ލުމުގެ ހައްގުގެ ބޭނުން ކުުރުމަށް ފުއާދު އިލްތިމާސް ކުރެއްވިއެވެ. ފުއާދު ވިދާޅުވީ ރާއްޖެއިން ބޭރުގައިވެސް ވޯޓު ލުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ވާކަމުގައެވެ.
ފުލުހުން ރޭ ވިދާޅުވެފައިވަނީ ވޯޓުލާ މަރުކަޒުތައް ކައިރީގައި ޓެންޓު ޖެހުމާއި ގޮނޑި ޖަހައިގެން ތިބުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ފާއިތުވި ރިޔާސީ އިންތިޚާބުގައިވެސް އަމަލު ކޮށްފައިވާ އުސޫލެއް ކަމުގައެވެ.
އޭގެ އިތުރަށް ފުލުހުން ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައިވެސް ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ވޯޓުލާ މަރުކަޒުތަކުގައި ހިނގާ ކަންކަން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ވަގުތުން ފެންނަ ގޮތް ހެދުން ކަމުގައެވެ.
20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.
އިންތިޚާބުގައި ވޯޓުލުމަށް 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 241 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ސީދާ މާލޭގައި 181 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުޅުމާލޭގައި 51 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
ކޮމެންޓު ފޮނުވާ