މިހާރު ކުރަންވީ ކަމަކީ މިހާރު ވެރިކަމުގައި ތިބި މީހުން ވެރިކަމުން ދުރު ކުރުން ކަމަށާއި، އެހެން ނޫންނަމަ ކުރިމަތީގައި އޮތީ ވަރަށް ނާމާން ދުވަސްތަކެއް ކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
މިރޭ ހިންނަވަރުގައި އޮތް މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އަސާސީ ހިދުމަތެއްގެ ވާހަކަ ދައްކަވާ، ކަރަންޓު ދޭންވާނީ ތިމަންނަމެންނަށް ވޯޓު ދޭ މީހުންގެ ގޭގެއަށް އެކަނިކަމަށް ބުނާ ހިސާބަށް ދިއުމުން ދެން މި ސަރުކާރު ބޭބޭފުޅުންގެ ވިސްނުން ސާފުވާ ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެކަހަލަ އުނދަގުލާއި ދުއްތުރާ ކުރުމުގެ ވިސްނުން ހުރި ބަޔަކު ވެރިކަމުގައި ތިބެގެން އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ [އަޅުގަނޑު ބޭނުންވާ ވާހަކައެއް ނޫން މިއީ] މި ބޭފުޅުން މިކަމުން ދުރުކުރުން. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް.
އިއްޔެ ދިއްދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ޕާޓީގެ މެމްބަރުންގެ ގޭބިސީތަކަށް އެކަނި ކަރަންޓު ދޭން ގޮވާލި ވާހަކައަށް ރައްދު ދެއްވާފަ ސޯލިހު ވިދާޅުވި އެވެ.