ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ލޯގޯއާއި ދިދަ އާންމު ކޮށްފިއެވެ.
އެގޮތުން ދިދައާއި ލޯގޯ އާންމު ކޮށްފައިވަނީ އެޕާޓީގެ ވަގުތީ ރައީސް، އަދި ރައީސް ޔާމިންގެ ދަރިކަލުން ޒޭން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓެއްގައިވާ ގޮތުން ޕީއެންއެފްގެ ކުލަތަކަކީ ގުރާފެއްސާއި ކަނޑުނުލެވެ. އަދި ލޯގޯގައި ތަރިއަކާއި ހުޅެވިހަނދެއް ހުރެއެވެ. ހުޅެވި ހަނދު ހުންނަނީ ތަރީގެ އެތެރޭގައި މެދުގައެވެ. ތަރީގެ ފިޔަތައް ހުންނަނީ ހަނދުގެ ވަށްބުރުގެ ވަށައިގެންނެވެ. ދިދައިގެން މެދުން ބައިކޮށް އެއްބައިގައި ގުރާ ފެހި ކުލަ ހުންނައިރު އަނެއްބައިގައި ހުންނަނީ ކަނޑު ނޫކުލައެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ސްކޫލްގައި ތައްޔާރީތައް ވެފައިވަނިކޮށް، ފުލުހުން މިމަހުގެ 9 ވަނަ ދުވަހުގެރޭ އެ ޖަލްސާ އެސްއޯ ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުއްޓުމާއި ގުޅިގެން އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައިވަނީ ސިޓީ ކައުންސިލްގެ ހުއްދައާއެކު ރަޅުގަނޑު ސަރަހައްދުގައެވެ.
އެ ޖަލްސާގައި ވަނީ ޕީއެންއެފް ސިއްކަ، އެޑްރެސް އަދި އަސާސީ ގަވާއިދުވެސް އިއްތިފާގުން ފާސްކޮށްފައެވެ. އަދި އެޕާޓީގެ ސެކެޓްރީޖެނެރަލްއަކަށް މަލީހު ޖަމާލް އައްޔަން ކޮށް، ޓްރެޒަރަރއަކަށް ރައީސް ޔާމިންގެ ދައުރުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި މުސްތަފާ ވަނީ އައްޔަން ކޮށްފައެވެ.
އޭގެ އިތުރުން ޕީއެންއެފް ވަގުތީ ގޮތުން ހިންގާ ކޮމިޓީއަށް ވަނީ ރައީސް ޔާމީން އިންތިހާބުކޮށްފައި ވެއެވެ. އެ ކޮމިޓީގައި ޔާމީންގެ އިތުރުން، ޒެއިން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، މަލީހުގެ އިތުރުން 17 މީހަކު ހިމެނިވަޑައިގަންނަވައެވެ. ޖުމުލަ 20 މެމްބަރުން ހިމެނޭ އެ ކޮމިޓީއަށް އެ ބޭފުޅުން އިންތިހާބުވެވަޑައިގަތީ 400 ވަރަކަށް މެމްބަރުން ބައިވެރިވި ޖަލްސާގެ ބައިވެރިންގެ އިއްތިފާގުންނެވެ.