ކުރީގެ ރައީސް އަބްދުالله ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ބާރާއި ނުފޫޒުގެ ބޭނުންކޮށް ހުރަސް އަޅައި ހުއްޓުވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ބުނެފައިވަނީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު އެ ޖަލްސާ ބާއްވަން އޮތް ތަނަށް ފުލުހުން ފޮނުވައި ޕެޕާ ސްޕްރޭ ޖަހައި ސުލްހަވެރި ސިޔާސީ ހަރަކާތެއް ހުއްޓުވާފައިވާތީ އެ ޕާޓީން ކަންބޮޑުވާކަމުގައެވެ.
އެމްޑީޕީން ބުނެފައިވަނީ ސިޔާސީ ޕާޓީ އުފައްދައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު ޕީއެންއެފް ވުޖޫދުވުމަށް ސަރުކާރުން ހުރަސް އެޅުމަކީ ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ނުދިން ކަމުގައެވެ.
ސަރުކާރުން ޑިމޮކްރަޓިކް ނިޒާމަށް ހުރަސް އަޅައި ސިޔާސީ ވާދަވެރިންނަށް އޮތް ފުރުސަތުތައް ބަންދުކުރުމަކީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުދުމުހުތާރު ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ.
އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން ބުނީ ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލެއް ގާއިމުކުރުމަށް އެޕާޓީން ގޮވާލާ ކަމުގައެވެ.