މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗްގެ ނިޔަލަށް 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.
1 ޖަނަވަރީ 2024 އިން 31 މާރިޗް 2024 ގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު. pic.twitter.com/lysd4LclBI
— Maldives Customs Service (@CustomsMv) April 9, 2024
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންސްއެވެ. އެގޮތުން ސިންތެޓިކް ކެތިނޯންސްގެ 6،544 ގްރާމް އަތުލައިގެންފައިވެއެވެ. ދެވަނަ އަށް އަތުލައިގެންފައި ވަނީ ހިރޮއިންއެވެ. ހިރޮއިންގެ 5،300 ގްރާމް އަތުލައިގަތެވެ. ތިން ވަނަ އަށް އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޑީއެމްއޭއެވެ. އެމްޑީއެމްއޭގެ 1،152 ގްރާމް ވަނީ އަތުލައިގެންފައެވެ.
އޭގެ އިތުރުން މެތަމްފެޓަމިންގެ 570 ގްރާމާއި އެމްފެޓަމިންގެ 350 ގްރާމް ވެސް އަތުލައިގަތެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ.