އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، ކަމޭހިތުމަކީ ޒުވާންޖީލާއި މުޅި މުޖުތަމައަށް އޮތް ވާޖިބެއް ކަމުގައި ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައިވަނީ މަތިވެރި އަޚްލާޤީ ސިފަތަކުގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، އެމީހުންގެ ޙައްޤުތައް ދެނެގަނެ، އެ ޙައްޤުތަކަށް ރައްކާތެރިވެ، އަދަބު އިޙްތިރާމް އަދާކުރުން ހިމެނޭކަން ފާހަގަކޮށްފައެވެ. އަދި އެމީހުންނަކީ، މިއަދު ޢުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ ބަޔަކު ކަމުގައި ވީނަމަވެސް، އެއީ ދުނިޔޭގައި ގިނަދުވަހު އުޅެ ގިނަ ތަޖުރިބާ ތަކެއް ކޮށްފައިވާ ޤައުމުގެ އިސް ރަށްވެހިން ކަންވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.
ބޮޑެތި މީހުންނަށް އިޙްތިރާމު ކުރުމަކީ އިސްލާމީ މަތިވެރި އަޚްލާގުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ހަމައެކަނި ރީތި އާދައަކާއި، ރިވެތި ސުލޫކެއް ނޫންކަމަށާއި އެއީ އިސްލާމީ އަދަބުކަމަށްވެސް ހުޠުބާގައިވެއެވެ. އެއީ އިސްލާމް ދީނުގައި ވާޖިބު ކުރައްވާފައިވާ މަތިވެރި އަޅުކަމަކަށްވާއިރު، މިކަމުގެ ޒިންމާ ޒުވާން ޖީލުތަކުގެ ކޮނޑުގައި އެޅިފައިވާކަންވެސް ޚުޠުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. އަދި މާތް ﷲ އަށް އެކަނި އަޅުކަން ކުރުމަށްފަހު، ދެން އަމުރު ކުރައްވާފައި ވަނީ، ޢުމުރުން ދުވަސްވީ މައިން ބަފައިނަށް އިޙްސާންތެރިވުމަށާއި، ނުރުހުމުގެ ގޮތުން އެމީހުންނާ ދިމާޔަށް އުއްފު ވެސް ނުބުނުމަށްކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އިޖުތިމާޢީ ގޮތުން މުޖުތަމަޢަށް އަންނަ ބަދަލުތަކުން ޢުމުރުން ދުވަސްވީ މީހުން ސަލާމަތް ކުރުމަށްޓަކައި، ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން، ބޭނުންވާ އެހީތެރިކަމާއި އަޅާލުން ފޯރުކޮށް ދިނުމަކީ، ވަރަށް މުހިންމު އެހާމެ ބޭނުންތެރި ކަމެއްކަމަށް ހުތުބާގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން، ޞިއްޙީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ރަނގަޅު ވެއްޓެއް އެމީހުންނަށް ހޯދައިދިނުމަކީވެސް މުހިންމު އަދި ބޭނުން ތެރިކަމަކަށް ވާއިރު އެމީހުންނާއި މަސައްކަތެއް ޙަވާލުކުރާ ނަމަ، އެ ކަމެއް ޙަވާލުކުރަންވާނީ ޞިއްޙަތަށް ރިޢާޔަތްކޮށް، ކުރެވޭނެ، އަދި ހައްޓަށް ލުއި މަސައްކަތެއްކަންވެސް ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
އުމުރުން ދުވަސްވީ މީހުންނާއި ގުޅޭގޮތުން މާތް ﷲ ވަޙީ ކުރައްވާފައި ބަސްފުޅެއްގެ މާނާގައިވެ އެވެ.
ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، ﷲ އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީ ވެސް އެކަލާނގެއެވެ.
ޚުޠުބާގައި ވަނީ ޢުމުރުން ދުވަސްވީ މީހުންނަށް އާއިލާއާއި މުޖުތަމަޢުގެ އެހެން މީހުންގެ ފަރާތުން ފުރައްސާރަކޮށް، މަލާމާތްކޮށް އުޅޭ މަންޒަރު މަދުން ނަމަވެސް ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޖިސްމާނީ ގޮތުން ގެއްލުން ދިނުމާއި، ނަފުސާނީ ގޮތުން ބަލިކަށި ކޮށްލުމަށް އެކަނިވެރިކަމުގެ ތެރެއަށް ދުވަސްވީ މީހުން ދޫކޮށްލުމާއި މާއްދީ ގޮތުން ވެސް އެ މީހުންނަށް ގެއްލުން ދިނުމަކީ މިއަދު މުޖުތަމަޢުގެ ބައެއް ފަރުދުންގެ ފަރާތުން ފެންނަ ހިތާމަވެރި ޢަމަލެއްކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.
ތިމާމެން އަރާމު ތަންމަތީގައި، ފިނި ކޮޓަރި ތަކުގައި، ނިދާ އިރު އެ ތަނަވަސްކަމާއި، މުއްސަދިކަން ހޯދައި ދިނުމަށް މަސައްކަތް ކުރި ޢުމުރުން ދުވަސްވެފައިވާ މައިންބަފައިން، ވައިރޯޅީގެ ފިނިކަމެއް ޢަމުދުން ލިބެން ނެތް ހުރަގެތަކުގައި ގެންގުޅޭކަމީ ދެބަސްވެވެން ނެތް ހިތި ޙަޤީޤަތްކަންވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ ޢިނާޔަތުގެ ފައިސާ އެމީހުންނަށް ނޭނގި ބޭނުން ކުރުމާއި އެ މީހުންނަށް ލިބޭ މާލީ ޢިނާޔަތަކީ އެފަދަ މީހުން ބަލަހަށްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ވެސް ބައެއް މީހުން ދެކޭކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެމީހުންނަށް ލިބޭ މާލީ ޢިނާޔަތާ ހެދި ޢާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލި، ޢުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ.
މައިންބަފައިންގެ ގައިގައި އާރާއިބާރު ހުންނައިރު، މާމަކާފަ ކުދިން ބަލާ، ނުވަތަ ގޭގައި މަސައްކަތްކުރާ މަސައްކަތު މީހުންގެ ގޮތުގައި އެ ލޮބުވެތި މައިންބަފައިން އުޅެންޖެހޭކަމީ މަދުން ނަމަވެސް މުޖުތަމަޢުން ފެންނަ ހިތްދަތި މަންޒަރެކެވެ. އެފަދަ މައިންބަފައިން ދުވާލުދާ ހަތަރުދަމު، ހިންދެމިލާނެ ވަގުތެއްނެތި 24 ގަޑިއިރުހެން އުޅެންޖެހެނީ މާމަ ނުވަތަ ކާފަ ދަރިން ބެލުމަށާއި ގޭތެރޭގެ މަސައްކަތުގައި އަވަދިނެތިއެވެ. ހަމަޖެހިލައިގެން ގައިންތާހިރުވެލާނެ ވަގުތެއް، ނުވަތަ ހަމަޖެހިލައިގެން ނަމާދުކޮށް ޤުރުއާނުން އަކުރެއް ކިޔާލާނެ ވަގުތެއް ނެތިއެވެ. އަދި މި މަސައްކަތްތައް ކުރެވޭނެ ބާރެއްނެތި ބަލިޙާލުގައި އުޅެންޖެހޭ ދުވަހު އެ ލޮބުވެތި މައިންބަފައިން ގެއިން ނެރެލަނީ ކިތައް ދަރިންތޯއެވެ؟
ޢުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުތަކަށް އެ މީހުން ފޮނުވަމުންދަނީ ހިތުގައި އެއްވެސް ރަޙުމެއް ކުލުނެއް ނެތިކަން ފާހަގަކުރައްވާ، ޚުޠުބާގައި ވަނީ އެފަދަ މަރުކަޒުތަކުގައި މިހާރު ތިބެންޖެހިފައިވާ މީހުންނަކީ ވެސް، އެމީހުންގެ ޒުވާން ކަމުގެ ހަކަތަ ޤައުމާއި، ދަރިންނަށްޓަކައި ހޭދަކުރި އިސް ރަށްވެހިންކަން ހަނދާންކޮށްދީފައެވެ.
އުމުރުން ދުވަސްވީ މީހުންނަށް އިޖުތިމާޢީގޮތުން ދިމާވާ ދަތިތައް ހައްލުކޮށްދީ އެ މީހުންގެ ޢުމުރާ ގުޅޭ ގޮތުން ހެލިފެލިވެ އުޅުމުގެ މަގު ތަނަވަސްކޮށްދީ، އެމީހުންނަކީ މުޖުތަޢުގައި ބޭނުން ކެނޑިފައިވާ ބައެއް ނޫންކަމާއި، ޢާއިލާ އާއި، މުޖުތަމަޢަށް ބޭނުންތެރި ބައެއް ކަން އަންގައިދޭން ޖެހޭކަންވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި ޢުމުރުން ދުވަސްވީ މީހުންނަށް ޞިއްހީ އެހީތެރިކަމާއި، އިޖުތިމާޢީ އަދި ނަފްސާނީ ރައްކާތެރިކަން ހޯދައިދީ، އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު، ތަނަވަސް ކޮށްދިނުމަކީ، ކަމާ ބެހޭ ފަރާތްތަކާއި ބަލަދުވެރިންގެ ޒިންމާއެއްކަންވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.