މަސްތުވާތަކެތި ރައްކާކުރާ ތަން ބެލުމަށް 241 ކޮމިޓީއަށް ދައުވަތު ދީފި

މަސްތުވާތަކެތި ރައްކާކުރާ ތަން ބެލުމަށް 241 ކޮމިޓީއަށް ދައުވަތު ދީފި

ފުލުހުންގެ ބެލެނިވެރިކަމުގެ ދަށުން މަސްތުވާތަކެތި ރައްކާކުރާ ސަރަހައްދަށް ޒިޔާރަތްކޮށް އެތަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނަށް ދައުވަތު އަރުވާފައިވާ ކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވެއްޖެއެވެ.

ޝާކިރު މިހެން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ގިނަފަހަރަށް ނެތިގެންދާ ކަމަށް ބުނާ މައްސަލައެއް 241 ކޮމިޓީން ބަލަން ފެށުމާ ގުޅިގެންނެވެ. އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވި މެމްބަރު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރު، މަހްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ ފުލުހުންގެ ބެލެނިވެރިކަމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި މީދާ ކައި އުޅޭ ވާހަކައާއި، މަސްތުވާތަކެތި ފުށަށް ބަދަލުވަމުންދާ ކަމަށާއި އަތުލައިގަތް ބައެއް މަސްތުވާތަކެއްޗާއެކު ފުލުހުން ވިޔަފާރި ކުރާ ވާހަކަތައް ވަރަށް ގިނައިން އިވޭ ކަމަށެވެ.

ހުކުރު ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝާކިރު ވިދާޅުވީ މި ތުހުމަތުތައް ފުލުހުންނަށް އަމާޒުކުރަމުންދާއިރު، 241 ކޮމިޓީއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮފެޝަނަލް ސްޓޭންޑާޑް އޮފް ޕޮލިސްއިން ވެސް އެ ކަމާ ގުޅޭ ގޮތުން ސުވާލު އުފައްދާފައި ނުވާ ކަމަށެވެ.

"އެފަދަ ތުހުމަތެއް ކުރާ ނަމަ މިއަދުގެ ނިޔަލަށް އަޅުގަނޑުމެންނާ [އެކަމާ ގުޅޭ] ސުވާލެއް ނުކުރާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ. ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ރައްކާކުރާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަކީ 24 ގަޑިއިރު މޮނިޓާ ކުރާ ޑިޕާޓްމަންޓެއް ކަމަށާއި އެތަނަށް ވަންނަ މީހުން ދެނެގަންނާނެ ފީޗާތައް ވެސް ހިމެނޭ ކަމަށެވެ.

އަދި މަސްތުވާތަކެތި ރައްކާކުރާ ސަރަހައްދަކީ އިތުރު ޕްރޮޓެކްޝަން ލޭޔަރުތަކާއެކު ތަންފީޒުކުރާ ތަނެއްކަން އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މަސްތުވާތަކެތި ނައްތާލުމުގެ މަރުހަލާތައްވެސް ވަރަށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާކަން ހާމަކުރައްވަމުން ޝާކިރު ވިދާޅުވީ، މަސްތުވާތަކެތީގެ ބާވަތްތައް ނައްތާލުމުގެ މަރުހަލާއަކީ މީޑިއާއާއި އާންމުންނަށް ހުޅުވާލެވިފައިވާ ޕްރޮސެސްއެއްކަން ހާމަކުރައްވަމުން ޝާކިރު ވިދާޅުވީ، އެކަމަށް ޝައުގުވެރިވާނަމަ، އެ މަރުހަލާގައި ވަގުތުން ޓެސްޓުވެސް ހެދޭނެ ކަމަށެވެ.

"އެންމެ ފަހުން ނައްތާލާފައިވާ [މަސްތުވާތަކެތީގެ އަދަދު] އަކީ 121 ކިލޯ. އޭގެ ސަބަބުން 23 ކިލޯގެ މަސްތުވާތަކެތި ސްޓޮކްގައި ބާކީ ހުންނާނެ،" ޝާކިރު ތަފްސީލުކޮށްދެއްވި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޝާކިރު އިތުރަށް ވިދާޅުވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިސްވެރިން ޒިޔާރަތްކުރުމަށް ޖާގަ ދީ، 241 ކޮމިޓީން އެދިއްޖެނަމ ފުލުހުންގެ ބެލުމުގެ ދަށުން މަސްތުވާތަކެތި ޓެސްޓު ކުރުމުގެ ފުރުސަތު ދިނުމަށް ތައްޔާރަށް ތިބި ކަމަށާއި އެއްވެސް ސިއްރުކަމެއް ނެތި މުޅި މަރުހަލާ ހާމަކުރަން ތައްޔާރަށް ތިބި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *