ޑިމޮކްރަޓިކް ނިޒާމާ މެދު މީހުންގެ އިތުބާރު އެބަ ގެއްލޭ: ޝާހިދު

ޑިމޮކްރަޓިކް ނިޒާމާ މެދު މީހުންގެ އިތުބާރު އެބަ ގެއްލޭ: ޝާހިދު

Author
އަހުމަދު
05 އޭޕްރިލް 2024 04:34
0

ޑިމޮކްރަޓިކް ނިޒާމާ މެދުގައި މީހުންގެ އިތުބާރު ގެއްލެމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނިއުޒިލެންޑްގެ ވެރިރަށް ވެލިންޓަންގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޑިމޮކްރަސީ ޔޫނިއަން ފޯރަމްގައި ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވައި ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލަނީ ގިނަ ފަހަރަށް އިންތިހާބުވެފައިވާ ވެރިން ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމާ މެދު މީހުންގެ އިތުބާރު ގެއްލެމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ނެތެމުން ދިޔުމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެކި ހިސާބުތަކުގައި އެކަން ހިނގަނީ އެކި ގޮތަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑިމޮކްރަސީއާމެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ޝާޙިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮތުމުގެ ބަދަލުގައި އަމަލީ ގޮތުންވެސް ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކުރެވޭނީ ޑިމޮކްރަސީގެ ހަރުދަނާ ނިޒާމުގެ ތެރެއިން ކަމަށާއި މިނިޒާމަކީ ހަމައެކަނި މަތީފަންތީގެ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި އެންމެންގެ ހައްގުތައް ހިމާޔަތްކޮށްދޭ ނިޒާމެއް ކަމަށެވެ.

އެމްޑީޕީ އުފެދިގެން އައީ މި އަސާސްތަކުގެ މައްޗަށް ކަމަށާއި ބުރަ މަސައްކަތުން ކަށަވަރުކުރި ޑިމޮކްރެޓިކް ކުރިއެރުންތައް އެގޮތުގައި އޮވޭތޯ ޕާޓީން ކަށަވަރުކުރަމުންދާނެކަމަށް ދާދިފަހުން އެމްޑީޕީގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ޝާހިދު ވިދާޅުވިއެވެ.

މީގެ 16 އަހަރު ކުރިން ހޯދި ހައްގުތައް އެގޮތުގައި ދެމެހެއްޓުމަށް އެތަކެއް ދަތިތަކެއް ގިރާކުރަން ޖެހިފައިވާ ކަމަށާއި، ނަމަވެސް އެ ދަތިތަކުން ކޮންމެ ފަހަރުކުވެސް އެމްޑީޕީ އަރައިގަންނަކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޑިމޮކްރަސީއަށް މިހާރު މުޅި ދުނިޔޭގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވާރާކޮށް، އެކަންކަމަށް ގެނެވޭނެ ހައްލުތައް ހޯދުމަށް އައިޑީޔޫ ފޯރަމްގެ ބައިވެރިންނަށް ޝާހިދު ގޮވާލެއްވިއެވެ. އަދި ދޭދޭ ގައުމުތަކުގެ ގުޅުންތަކަށާއި މަލްޓިލޭޓަރަލިޒަމްއަށް އެތަކެއް ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރަޙައްދީ އިންތައް ހުރަސްކޮށް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.

އައިޑީޔޫ ފޯރަމްގައި ޝާހިދު ތަގްރީރުކުރެއްވީ އައިޑީޔޫގެ ޗެއަރ އަދި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓީވަން ހާރޕަރގެ ދައުވަތަކަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.