އިސްލާމްއާބާދު ހައި ކޯޓުގެ އަށް ފަނޑިޔާރަކަށް ހުދު ކުލައިގެ ޕައުޑަރެއް ހާކާފައިވާ އިންޒާރުގެ ލިޔުންތައް ލިބިއްޖެއެވެ.
މި ލިޔުންތައް ފަނޑިޔާރުންނަށް ލިބުމާއެކު ފުލުހުން މިހާރުވަނީ މިއީ ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައި މައްސަލަ ރެޖިސްޓަރ ކޮށްފައެވެ.
މައްސަލަ ރެޖިސްޓަރ ކޮށްފައިވަނީ، ޕާކިސްތާނުގެ ގާނޫނުލް އުގޫބާތުގެ 507 ވަނަ މާއްދާ (ނަން ނޭނގޭ މުއާމަލާތެއް މެދުވެރިކޮށް ޖިނާއީ ބިރުދެއްކުން) އާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާ (ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ އަދަބު) ގެ ދަށުންނެވެ.
ފުލުހުން ބުނެފައިިވަނީ، އުއްތަމަ ފަނޑިޔާރު އާމިރު ފާރޫގު ހިމެނޭ ގޮތަށް އަށް ފަނޑިޔާރަކަށް އެޑްރެސްކޮށް ފޮނުވި އަށް ސިޓީ މީގެ އެއް ދުވަސް ކުރިން އައިސްފައިވާ ކަމަށާއި ފޮނުވި ފަރާތަކީ ރޭޝަމް ނަމަކަށް ކިޔާ އަންހެނެއް ކަމަށެވެ.
ނަމަވެސް ރިޓާން އެޑްރެހެއް ދީފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އެއް ސިޓީގައި ޝައްކުކުރެވޭ ކެމިކަލް ޕައުޑަރެއް ހުރިކަން އެނގުމާއެކު ފަނޑިޔާރުންގެ މުވައްޒަފުންނަށް ދެން ހުރި ސިޓީތައް ނުހުޅުވުމަށް އިރުޝާދު ދިނެވެ.
ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެކަން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ވަގުތުން އަންގާފައިވާއިރު، ބިރުވެރިކަމާއި ފުރައްސާރައިގެ ތެރެއިން ޝަރުއީ ނިންމުންތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ އަށް ސިޓީ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެހެންނަމަވެސް އޭގެ ތެރެއިން ހަތަރު ސިޓީއެއް ހުޅުވާލެވިފައި އޮތްއިރު އެނގެންހުރި ގޮތުގައި އޭގެ ލިޔެފައި ހުރި އިބާރާތްތަކުން ނިސްބަތް ކޮށްފައިވަނީ ޕާކިސްތާންގެ ތަހްރީކް ނަމޫސް-އޭ-ޕާކިސްތާން ނަމަކަށް ކިޔާ ޖަމާއަތަކަށެވެ.
އެ ސިޓީތަކުގައި ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.